ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ސިފައިންގެ ބަޔަކު މަރާލައިފިއެވެ.

މުޖާހިދުންނާއި ކުރަމުން އަންނަ ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ ވަނަވަރު އާންމު ކުރަަމުން ނިރުބަވެރި ސިފައިން ބުނެފައިވަނީ އެމީހުން މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ނިރުބަވެރިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، މަރާލާފައިވަނީ ތިން ސިފައިންނެވެ. އެއީ އުމުރުން 36 އަހަރުގެ ސާޖެންޓް މޭޖަރ، ނެރިޔާ ޝައޭ، 22 އަހަރުގެ ސާޖެންޓް ފަސްޓް ކްލާސް، ބެން ޒުސްމަންގެ އިތުރުން 19 އަހަރުގެ ސާޖެންޓް ބިންޔާމިން ޔެހޮޝުއާ ނީދަމްއެވެ.

މި ސިފައިންގެ އިތުރުން ޣައްޒާއަށް ވަދެ އުޅުނު ގިނަ އަދަދެއްގެ ސިފައިންގެ ބަޔަކު މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް 70 އަށްވުރެ ސިފައިން މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.