އިސްރާއީލުގެ ނިރުބަވެރިންހެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތަކުން ޣައްްޒާ ހޮސްޕިޓަލުތައް ފުރިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިސްރާއީލާއި ޣައްޒާއާ ދެމެދު މިހާރު ކުރެވެމުންދާ ހަނގުރާމަ އަށް ދެ މަސް ވާން ވަނީ ކައިރިވެފައެވެ. ޣައްްޒާގެ އެތަންމިތަނަށް ބޮން އަޅާ، އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ އަދަދުތައްވެސް މަދެއް ނޫނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ދަނީ ސުންނާފަތި ވަމުންނެވެ.

ޣައްޒާގެ މިއަދުގެ ހާލަތަށް ބަލާއިރު، ފަތިހުން ފެށިގެން ޣައްޒާގެ ހޮސްޕިޓަލްތަކަށް އެތައް ބައެއްގެ ހަށިތައް ދަނީ ލިބެމުންނެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް މުނީރު އަލް ބަރްޝް އަލްޖަޒީރާއަށް ވިދާޅުވީ ޝަހީދުވެފައިވާ މީހުންގެ ހަށިތައް ގިނަވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ ހޮސްޕިޓަލަކަށް ވެސް މިހާރު އަނިޔާ ލިބުނު މީހުންނަށް އެއްވެސް ކަހަލަ އެހީއެއް ނުދެވޭނެ. އަޅުގަނޑުމެންގެ ހުރިހާ މެޑިކަލް އިކުއިޕްމަންޓެއް ހަލާކުކޮށްލީ އިސްރާއީލު ސިފައިން،". އަލް ބަރްޝް ވިދާޅުވެފައި ވެއެވެ.

އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ކަރަންޓު ކެނޑޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްބިއުލާންސާއި ސިއްހީ ހިދުމަތް ތެރިންނަށްވެސް ތަކުރާރުކޮށް ހަމަލާދެމުން އަންނައިރު، އޭގެ ތެރޭގައި އަނިޔާ ލިބުނު މީހަކު ގޮވައިގެން އަލްއަވްދާ ހޮސްޕިޓަލާ ދިމާލަށް ދަނިކޮށް ބަޑިން ހަމަލާދީ ޒަހަމްކޮށްލި ސިއްހީ ހިދުމަތްތެރިއެއް ހިމެނެއެވެ.

އަދި ޒަހަމްވި 40،000 މީހުންގެ ތެރެއިން ފަރުވާ ދިނުމަށް ދެކުނުގައި އޮންނަ ރަފާ ކްރޮސިންއަށް ގޮސްފައިވަނީ އެންމެ 400 މީހުން ކަމަށް ޑައިރެކްޓަރު ވިދާޅުވެފައި ވެއެވެ.