ޣައްޒާ ސިޓީގެ އިރުމަތީގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅެމުންދާ ސްކޫލަކަށް އަމާޒުކޮށް އިސްރާއީލުގެ ނިރުބަވެެރިން ދިން ވައިގެ ހަމަލާއެއްގައި ގިނަބަޔަކު ޝަހީދުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނިރުބަވެރިންގެ ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 19 މީހަކު އެ ސިޓީގެ އަލް އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ވަނީ ގެނެސްފައެވެ.

އިސްރާއީލުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އަނެއްކާވެސް ޣައްޒާއަށް ވަރުގަދަ ހަމަލާަތަކެއް ދެމުންދާއިރު، އެ ސިޓީގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާން އަލްޤުދްރާ އިތުރަށް ވިދާޅުވީ އިސްރާއީލުން ޣައްޒާ ސިޓީ ކައިރީގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ހިޔާވަހިކަން ހޯދަމުންދާ ބައެއް ސަރަހައްދުތަކަށް ބޮން އަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސަލާހު އަދްދީން ސްކޫލާއި އަލްއަހްލީ އަރަބް ހޮސްޕިޓަލް ކައިރީގައި ހުރި އިމާރާތަކާއި މީހުން ތޮއްޖެހިފައިވާ ސްކޮޔަރެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެެވެ.

ހެލްތް މިނިސްޓްރީގެ އެންމެ ފަހުގެ އަޕްޑޭޓްގައި ވަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 15،899 މީހުން ޝަހީދުވެފައިވާ ކަމަށެވެ.