ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ކޮންމެ 10 މީހަކުން ނުވަ މީހަކު ދުވާލަކު އެއް ފަހަރާވެސް ކާން ނުލިބޭ ކަމަށާއި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށް އދ. އިން ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން އިސްރާއީލުގެ ނިރުބަވެރިން ދަނީ ޣައްޒާއަށް ހަމަލާ ދެމުންނެވެ. ވައިގެ މަގުންނާއި އެއްގަމު މަގުންވެސް އަރާ ހަމަލާތައް ދެމުންގެންދާއިރު، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ޣައްޒާގައި ކާބޯތަކެތީގެ މައްސަލަތަކާއި އެހީގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ޑެޕިއުޓީ ޑައިރެކްޓަރު ކާލް ސްކާއު ވިދާޅުވީ ފަލަސްތީނުގެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ 10 މީހަކުން ނުވަ މީހަކު ދުވާލަކު އެއް ފަހަރާވެސް ކާން ނުލިބޭ ކަމަށާއި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށެވެ.

ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ޣައްޒާއަށް ޒިޔާރަތްކުރުމުން ކުރިމަތިވި ބިރުވެރިކަމާއި ހަލަބޮލިކަމާއި މާޔޫސް ކަމަށް އެއްވެސް ކަމަށް އޭނާ ތައްޔާރުވެފައި ނުވާ ކަމަށެވެ.

އެ ސަރަހައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، ސްކާއު ވިދާޅުވީ، ކާބޯތަކެތީގެ ބާވަތްތައް ލިބެނީ ވަރަށް މަދު މިންވަރެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެ ސަރަހައްދުގެ ހާލަތުގެ ސަބަބުން ޑެލިވަރީ ކުރުން ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށެވެ.