ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ އިތުރު ހަތަރު ސިފައިންގެ މީހަކާއި ކުރިން ދިން ހަމަލާއެއްގައި އަނިޔާވެގެން ފަރުވާދެމުން ދިޔަ ސިފައިން މީހަކު މަރުވެއްޖެއެވެ.

އައިޑީއެފް އިން ބުނީ ފަސް ސިފައިން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ލިބުނު ޒަހަމްތަކަކާ ގުޅިގެން ކަމަށާއި އަނެއް ހަތަރު މީހަކު މަރުވެފައިވަނީ މިދިޔަ ހަފުތާ ބަންދުގައި ޣައްޒާގެ ދެކުނުގައި ހިނގި ކުރިމަތިލުންތަކުގައި ކަމަށެވެ.

މިއާއެކު ހަމާސް ޖަމާއަތާ ދެކޮޅަށް އެއްގަމު މަގުން ދިން ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު 97 އަށް ވަނީ އަރާފައެވެ. ފަހުން މަރުވި މީހުންގެ ތެރޭގައި އައިޑީއެފްގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި މިހާރުގެ "ވޯ ކެބިނެޓް" އޮބްޒާވަރު މިނިސްޓަރު ގާދީ އައިޒެންކޮޓްގެ އާއިލާ މީހަކު ހިމެނެއެވެ. ދާދި ފަހުން އޭނާގެ ފިރިހެން ދަރިފުޅުވެސް ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.

އައިޑީއެފް އިން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޣައްޒާގައި ހިނގި ކުރިމަތިލުންތަކުގައި ބައެއް ޔުނިޓްތަކުގެ އިތުރު 12 ސިފައިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރެއިން މިހާތަނަށް އިސްރާއީލުގެ 1،800 އާއި ގާތް ކުރާ އަދަދަކަށް ނުވަތަ އެއަށްވުރެ ގިނަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.