ޣައްޒާގައި ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން އިތުރަށް ގޯސް ވިޔަ ނުދިނުމަށް ޓަކައި ތުރުކީ އާއި އިރާނުން އެކީގައި މަސައްކަތް ކުރަން ނިންމައިފިއެވެ.

އިރާނުގެ ރައީސް އިބްރާހީމް ރައީސީ މިހާރު ތުރުކީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން އާއި ވެރި ރަށް އަންކާރާ ގައި ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުން ވަނީ ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ސުލްހަވެރިކަމާއި ހަމަޖެހުން އިތުރަށް ގޯސް ވިޔަ ނުދިނުމަށް ދެ ގައުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ކަމަށް ތުރުކީގެ ސަރުކާރުގެ ހަބަރު ފަތުރާ ވަސީލަތް ތަކުން ވަނީ ބުނެފައެވެ.

"އަހަރެމެންގެ މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ސަރަހައްދީ ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް ކަމެއް އަހަރެމެން ދެ ގައުމުން ވެސް ނުކުރުމަށް. ހާލަތު މިހާރު ވަރަށް ގޯސް، އެހެން ކަމުން އަހަރެމެން މި މަސައްކަތް ކުރަނީ އިތުރަށް ހާލަތު ގޯސްވިޔަ ނުދިނުމަށް." ރަސްމީ މަޝްވަރާތަކަށް ފަހު ތުރުކީގެ ރައީސް އުރުދުގާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ނިރުބަވެރިކަމަކީ އިރާނަށާއި ތުރުކީ އަށް ވެސް ދިމާވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ ދެ ގައުމުގެ އެތެރޭގެ ހަމަޖެހުން ގާއިމު ކުރުމަށްޓަކައި ނިރުބަވެރިންނާއި ދެކޮޅަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ދެ ރައީސުން ވަނީ މި ބައްދަލުވުމުގައި އެއްބަސް ވެފައެވެ.

ތުރުކީ އަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރި ގަތުލް އާންމެ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންދާ ގައުމެކެވެ. އަދި އިސްރާއީލުގެ ލާއިންސާނީ އަނިޔާވެރި ހަނގުރާމައިގެ ޖަރީމާތައް ބަލައި އެކަން ކަމަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ތުރުކީން ވަނީ ބުނެފައެވެ. ނަމަވެސް ތުރުކީން ވިޔަފާރީގެ ގޮތުން އަދި ވެސް އިސްރާއީލާއި ގުޅުން ބާއްވާތީ މުސްލިމު ދުނިޔެ އާއި އިރާނުން ވެސް ކުރިން ވަނީ ތުރުކީ އަށް ފާޑުކިޔާފައެވެ.