ދޭތެރެ ދޭތެރެއިން ހޮސްޕިޓަލުތަކުން ފޭކް ޑޮކްޓަރުން އަތުލައިގަންނަ ހަބަރަކީ އައު ވާހަކައަކަށް ނުވާނެއެވެ. މިގޮތުން ދާދި ފަހުން ކެންޔާގައި މިވަނީ ކާމިޔާބު ކަމާއި އެކު 8 ސާޖަރީ ހަދާފައިވާ ފޭކު ޑޮކްޓަރަކު ހައްޔަރު ކޮށްފައެވެ.

ރޮނަލްޑް މެލީ ނަމަކަށް ކިޔާ އެ ފޭކު ޑޮކްޓަރު އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ގެންދިޔައީ ތަންކޮޅެއް ކުޑަ ހޮސްޕިޓަލެއްގައެވެ. އެ ހޮސްޕިޓަލުގައި ސާޖަރީތައް ކުރިއަށް ގެންދާ ޑޮކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުން ގެންދިޔަ އިރު، އޭނާ ވަނީ ކާމިޔާބު ކަމާއި އެކު 8 ސާޖަރީ ކޮށް ނިންމާފައެވެ. ނަމަވެސް، ޖުމްލަ 9 މީހުންގެ ސާޖަރީ ހެދި ރޮނަލްޑު އަތުން އެއް ޕޭޝަންޓަކު ވަނީ މަރުވެފައެވެ.

ފޭކު ޑޮކްޓަރެއްކަން ފަޅާ އެރި ރޮނަލްޑް މެލާ

އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެހެން ޑޮކްޓަރުން ތަކަކާއި އެއްކޮށް މާބަނޑު މީހަކަށް އޭނާ ހެދި އެ ސާޖަރީގައި އެ އަންހެން މީހާ މަރުވީ ރޮނަލްޑުގެ ކުށަކުން ނޫނެވެ. އަދި މާބަނޑު މީހާ މަރުވި ނަމަވެސް، އޭނާ ބަނޑުގައި އޮތް ތުއްތު ކުއްޖާ ވަނީ ސަލާމަތް ކޮށްފައެވެ.

ރޮނަލްޑް އަކީ ފޭކު ޑޮކްޓަރެއްކަން ފަޅާ އަރާފައި ވަނީ ސަރުކާރުގެ ބޮޑު ހޮސްޕިޓަލަކަށް އޭނާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. މިއާއި އެކު ވަގުތުން އޭނާ ހައްޔަރު ކޮށްފައި ވާއިރު، އޭނާ ސާޖަރީ ހެދި 8 މީހުންގެ ނަންތައްވެސް ވަނީ އިއުލާން ކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގޮތަކަށް ފޭކު ސެޓްފިކެޓުތައް ހަދައިގެން ޑޮކްޓަރުންނަށް ވެގެން ބޮޑެތި މުސާރަ ނަގާ މީހުން ވަރަށް ގިނައެވެ. އަދި ބައެއް ފަހަރު އެފަދަ މީހުން އަތުން ހިތާމަވެރި ހާދިސާތައްވެސް ވަނީ ހިނގާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ ތި މީހާ ޑަކްޓަރެއްގެ ގޮތުގައި ޓްރެއިންކޮށްބަލަ! މޮޅެތި ސެޓްފިކެޓްތައް ހިފައިގެން ވާނުވާ ނޭގިފައި ތިބޭ މީހުންނަށްވުރެ ތިކަހަލަ މީހުން ހާސްބައި ތޫނުފިލިވެފައި މޮޅުވާނެ!

    25