ގިޔާމަތުގެ އިންތިޒާރުގައި ކަމަށް ބުނެ ކުޑަ ޖަލެއް ފަދަ ތަނެއްގައި ފާއިތުވެދިޔަ 9 އަހަރު ފޮރުވައިގެން ގެންގުޅުނު 6 މީހަކު ހޯދައިފިއެވެ.

ނެދަލޭންޑުގައި މިކަން ހިނގަން މެދުވެރިވީ އެ 6 މީހުންގެ ބައްޕަ ދުނިޔެ ގިޔާމަތް ވާން އުޅޭ ކަމަށް ބުނެ އޭނާގެ ދަރިން ދުނިޔެ އާއި އެކަހަރިކޮށް ފޮރުވުމުން ކަމަށް އެތަނުން މީހަކު ބުނެފައިވެއެވެ. އެމީހުން ފޮރުވާފައި ތިބީ ގޭގެ ސިޓިންގް ރޫމުގައި ހުރި ކަބަޑެއް ފަހަތުން ހަދާފައި ހުރި ސިއްރު ކޮޓަރިއެއް ތެރޭގައެވެ.

އެ މީހުން އެތަނުގައި ފޮރުވައިގެން ގެންގުޅޭކަން ފަޅާ އެރީ ފޮރުވައިގެން ގެންގުޅު ދަރިންގެ ތެރެއިން އެންމެ ބޮޑު ދަރިފުޅު (25 އަހަރު) ފިލައިގެން ނިކުމެ ރެސްޓޯރެންޓަކަށް ވަދެ ކަންތައް ހިނގާ ގޮތް އެތަނުގެ މުވައްޒަފުންނަށް ކިޔައިދިނުމުންނެވެ.

އޭނާ ބުނެފައިވާ ގޮތުގައި ބަންދުވެގެން ހުރީ ސީދާ ކިތައް އަހަރުކަން ބުނެދޭން ނޭނގުނު ނަމަވެސް، އެ ކޮޓަރިން ބޭރަށް ނުނިކުންނަތާ 9 އަހަރު ވެފައިވާ ކަމަށެވެ. މިއާއި އެކު އެ ރެސްޓޯރެންޓުގެ މުވައްޒަފުން ވަނީ ފުލުހުންގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުން މިހައިތަނަށް އެނގިފައިވާ ގޮތުގައި އެ މީހުންނަކީ ހައްޔަރު ކުރެވިފައިވާ މީހާގެ ދަރިންނެއްވެސް ނޫނެވެ. އަދި އެ ކުދިންގެ މަންމަ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ބެލެވިފައިވާ ގޮތުގައި މަންމަވެސް ވާނީ އެ ގޭގެ ކޮންމެވެސް ހިސާބެއްގައި ވަޅުލާފައެވެ.

ދުނިޔެ ގިޔާމަތް ވާން އުޅޭ ކަމަށް ބުނެ އެ މީހުން އެތަނުގައި ފޮރުވައިގެން ގެންގުޅުނީ ކީއްވެގެން ކަމެއްވެސް އަދި ސާފުވެފައެއް ނުވެއެވެ. އެއީ ހައްޔަރު ކުރެވުނު މީހާ ތަހުގީގަށް އެއްބާރުލުން ނުދޭތީއެވެ.