ބޮލީވުޑުގެ އެކްޓަރ ޓައިގަރ ޝްރޯފުގެ އަންހެން ކޮއްކޮ ކްރިޝްނާ ޝްރޯފް ޗުއްޓީ ހޭދަކޮށްލުމަށް އޭނާގެ ރަހުމަތްތެރިންނާއި އެކު ރާއްޖެ އަތުވެއްޖެއެވެ. ކްރިޝްނާ ރާއްޖެ އައިސް ހުރީ ބަގިލިއޮނި ރިސޯޓްގައެވެ.

ކްރިޝްނާ ޝްރޯފުގެ އިންސްޓަގުރާމު އެކައުންޓުގެ ސްޓޯރީގައާއި ހިއްސާ ކޮށްފައިވާ ޕޯސްޓު ތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރު ތަކާއި ކަނޑު އަޑީގެ ހިތްގައިމުކަން ދައްކުވައިދީފައިވެއެވެ.

ސްނޯކްލިންއަށް ގޮސް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިޔާގައި ހިއްސާކޮށް ކްރިޝްނާ ވަނ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

މި ފޮޓޯތަކާއި ވީޑިއޯތަކަށް ލައިކްދީ ކޮމެންޓް ކޮށްފައިވާ މީހުންގެ ތެރޭގައި ޓައިގަރ ޝްރޯފުގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ ދިޝާ ޕަޓާނީ ހިމެނެއެވެ.

ދާދި ފަހުން ބޭބެ ޓައިގަރއާއި ބެހޭގޮތުން ކްރިޝްނާ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ޓައިގަރއަށް ފުރިހަމަ ޔަގީކަން އޮންނަ ކަމަށާއި އަދި ސަތޭކަ އިންސައްތަ އިތުބާރު ކުރާ ކަމަށެވެ. އަދި ޓައިގަރއާއި ކްރިޝްނާގެ ދެމެދުގައިވާ ގާތް ގުޅުން ހާމަކޮށްދެމުން އޭނާ ބުނެފައިވަނީ އެދެމީހުން އެކަކު އަނެކަކަށް ހުރިހާ ވާހަކައެއް ވެސް ހިއްސާ ކުރާ ކަމަށެވެ.

ކަމަކާ ގުޅޭގޮތުން މަޝްވަރާއެއް ނުވަތަ ނަސޭހަތެއް ބޭނުންވެއްޖެ ހާލަތެއްގައި ޓައިގަރ އަބަދުވެސް އެހީތެރިވެދޭ ކަމަށް ވެސް ކްރިޝްނާ ބުނެފައިވެއެވެ.

ބައްޕަ ޖެކީ ޝްރޯފްއާއި ބޭބެ ޓައިގަރ ޝްރޯފު އެކްޓިންގެ ދާއިރާގައި އެތައް ކާމިޔާބެއް ހޯދަމުން ދާއިރު ވެސް މި ދާއިރާއާއި ދުރުގައި ކްރިޝްނާ ހުރީ އެކްޓިންގެ ދާއިރާއަށް އެއްވެސް ޝައުގެއް ނެތުމުން ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

ބޮލީވުޑު ގިނަ ފަންނާނުންގެ ޗުއްޓީ ހޭދަކޮށްލުމުގެ މަންޒިލަކަށް މިހާރު ވެފައި ވަނީ ރާއްޖެއެވެ.