މިޔަންމާގައި ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ގައުމުގެ އަސްކަރިއްޔާ އާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުމުގެ ތެރެއިން އާންމުންގެ 1،000 މީހުން އެގައުމުގެ އަސްކަރިއްޔާއިން މަރާލައިފައިވާ ކަމަށް އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް (އޭއޭޕީޕީ)އިން ރިޕޯޓު ކޮށްފިއެވެ.

ރޮއިޓާސް ނޫހަށް މިއަދު މައުލޫމާތު ދެމުން އޭއޭޕީޕީގެ ސެކްރެޓަރީ ޓޭޓް ނައިންގް ވިދާޅުވީ އެ މީހުން އެއްކޮށްފައިވާ މައުލޫމާތައް ބަލާއިރު މިހާތަނަށް 1،001 މީހުން މަރާލައިފައިވާ ކަމަށެވެ. އަދި މިޔަންމާގައި އަސްކަރީ ފައުޖުތަކުން މަރާލައިފައިވާ އާންމު ރައްޔިތުންގެ ޖުމްލަ އަދަދު ހާހަކަށްވުރެ އިތުރުވާނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިޔަންމާގައި ވެރިކަން ކުރަމުން ދިޔަ މަދަނީ ސަރުކާރު އެ ގައުމުގެ އަސްކަރިއްޔާއިން ވައްޓާލީ ފެބްރުއަރީ އެއް ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެ ގައުމުގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 7،320 މީހަކު ހައްޔަރު ކޮށްފައިވާއިރު، މިހާރު ބަންދުގައި ތިބީ 5،712 މީހުން ކަމަށް އޭއޭޕީޕީއިން ބުނެއެވެ.

އޭއޭޕީޕީގެ މައުލޫމާތުގައި މި ހަމަނުޖެހުން ތަކުގެ ސަބަބުން މަރުވެފައިވާ ސިފައިންގެ އަދަދު ހިމަނާފައެެއް ނުވެއެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ މި ހަމަލާތަކުގައި އެތައް ސިފައިންނަކާއި ކުޑަކުދިންނެއް ވެސް މަރުވެފައިވާ ކަމަށް ބުނެފައެވެ.

ބަޣާވާތަށްފަހު އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ ގާނޫނު އަސާސީވެސް ސަސްޕެންޑުކޮށް، މަދަނީ ސަރުކާރުގެ އިސްވެރިންނަށް އެކިއެކި ދައުވާތައް އުފުލާފައެވެ.

މިޔަންމާގައި ރޮހިންޔާ މުސްލިމުންނަށް 1990ގެ އަހަރުތަކުން ފެށިގެން ބޮޑެތި އަނިޔާތައް ކުރިމަތިވުމުގެ ސަބަބުން އެ ގައުމު ދޫކޮށް އެތައް މިލިއަން ރޮހިންޔާއިން ހިޖުރަކޮށްފައިވެއެވެ.