ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި އޮންލައިން ރީޓެއިލް ވިޔަފާރި ހިންގާ އެމެރިކާގެ އެމޭޒަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ވެރިން ހަރުކަށިކަން ގެންގުޅޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެ ވާހަކަތައް ދޭތެރެ ދޭތެރެެއިން މީސް މީޑިއާގައި ދެކެވެއެވެ. އަދި ވަޒީފާ ގެއްލޭ ބައެއް މީހުންގެ ވާހަކަތައްވެސް ހިއްސާކުރެއެވެ.

އެގޮތުން މިއީވެސް އެތަނުގައި މަސައްްކަތް ކުރި އަންހެނަ މުވައްޒަފަކު ވަޒީފާ ގެއްލުނު ކަމަށް ބުނެ ކިޔާދިން ވާހަކައެކެވެ. އޭނާގެ ވަޒީފާ ގެއްލުނީ މާ ގިނައިން ފާހަަނައަށް ދާން ޖެހޭތީ ކަމަށް ބިޒްނަސް އިންސައިޑާގައި ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މާރިއާ އައިރިސް ނަމަކަަށް ކިޔާ އެ މީހާ އަކީ ބޮވެލް ސިންޑްރޯމް ހުންނަަ މީހެކެވެ. އެހެންވެ އޭނާއަކީ ކައިރި ކައިރީގައި ފާހަނައަށް ދާން ޖެހޭ މީހެކެވެ.

މާރިއާ ބުނީ، އޭނާގެ ހާލަތު ބަޔާންކޮށް މިދިޔަ އަހަރު ތެރޭގައި އޭނާ އެތަނުގެ ވެރިއަަކަށް އެކަން އެންގިއިރު، އޭނާ ކައިރީގައި ޑޮކްޓަރަކު ލިޔުމެއް ހޯދަން އެންގި ކަމަށެވެ. އެހެން ނަމަވެސް އެ މުވައްޒަފު ނޯޓެއް ހޯދާފައެއް ނުވެއެވެ. އަދި އޭނާއަށް ލިބުނީ މި އަހަރުގެ ޖެނުއަރީ މަހު އެ ވެރިޔާގެ ފަރާތުން އިންޒާރުގެ ލިޔުމެކެވެ. އެއީ ފަސް ދުވަސް ތެރޭގައި ޑޮކްޓަރުގެ ލިޔުން ހޯދުމަށެވެ. އެހެން ނަމަވެސް މާރިޔާ ބުނެފައިވާގޮތުގައި، އޭނާއަށް ކުރިއަށް އޮތް ހަ ދުވަހަށްވެސް ޑޮކްޓަރުގެ އެޕޮއިންޓްމެންޓެއް ނުލިބެއެވެ.

އެއާއެކު އެ ފަސް ދުވަސް ފަހުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ މުވައްޒަަފު ވަޒީފާއިން ވަކިކުރި ލިޔުމުގައި ބުނެފައި ވަނީ، ޑޮކްޓަރު ލިޔުން ހޯދަން އޭނާއަށް ދިން މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ.

މިހާރު އެ މުވައްޒަަފު ވަނީ އެމޭޒަން އާ ދެކޮޅަށް މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ/