ބޮލީވުޑުގެ އެކްޓަރ ސަންޖޭ ދަތުއަކީ މީސް މީޑިޔާގެ ސަމާލުކަން ހުއްޓިފައިވާ ފަންނާނެކެވެ. އެކްޓް ކުރުމުގެ އިތުރުން އެހެނިހެން ކަންތައްތަކުގެ ވެސް ސަބަބުންނެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި ނިރުބަވެރި ހަމަލާއެއްގައި ބައިވެރިވުމާއި ގިނަ އަދަދެއްގެ އަންހެން ކުދިންނާއި ލޯބީގެ ގޮތުން ގުޅުން ފަދަ އެތައް ކަމެއްގައެވެ.

މި ހުރިހާ ކަމެއް ދައްކުވައިދީ، ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލުމު ''ސަންޖޫ'' ގައި ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދީފައިވެއެވެ.

މި ފިލުމުގައި ފެންނަ ގޮތުގައި ސަންޖޭ ދަތު ވަނީ 308 މީހަކާއި ލޯބީގެ ގޮތުން ގުޅިފައެވެ. ފިލުމުގައި މި ވާހަކަތައް ކިޔައިދީފައިވީ ނަމަވެސް ސަންޖޭ ދަތުއާއި ބަތަލާ މާދޫރީ ޑިކްޝިޓްގެ ވާހަކަ ހިމަނާފައެއް ނުވެއެވެ.

ސަންޖޭ ދަތުއާއި މާދޫރީގެ ލޯބި ފެށިފައިވަނީ 1991 ވަނަ އަހަރު ސަލްމާންއާއެކު ފެނިގެން ދިޔަ ފިލުމު ''ސާޖަން'' ގެ ޝޫޓިންގެ ތެރެއިންނެވެ.

ސަންޖޭ ދަތާއި އެކު މަސައްކަތް ކޮށްފައިވާ ޑައިރެކްޓަރަކު ބުނެފައިވާ ގޮތުގައި ''ސާޖަން'' ގެ ޝޫޓިންގެ ތެރެއިން ސަންޖޭ ދަތު އަބަދުވެސް މާދޫރީ ފަހަތުން އުޅޭ ކަމަށެވެ. އަދި މާދޫރީ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނަމުން މާދޫރީއާއި އެކު ވަރަށް ގިނަ ވަގުތު ހޭދަ ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޑައިރެކްޓަރުގެ މި ބުނުމަށް އިތުރު ބާރެއް ލިބިގެން ދިޔައީ ކުރީގެ އިންޓަވިއުއެއްގައި ސަންޖޭއާއި ގުޅޭ ގޮތުން މާދޫރީ ބުނެފައިވާ ވާހަކަތަކެވެ. މާދުރީ ބުނީ އަބަދުވެސް އޭނާ ހެއްވާލާ އުފަލުގައި ބެހެއްޓޭ ފިރިހެނަކީ ސަންޖޭ ދަތު ކަމަށެވެ.

ސަންޖޭ ދަތު ޑޭޓް ކޮށްފައިވާ 308 އަންހެނުންގެ ތެރެއިން އެންމެ ލޯބިވީ މީހަކީ މާދޫރީއެވެ. ފިލުމުގައި އެބައި ހިމަނާފައި ނުވަނީ ވެސް އެ ސަބަބަށްޓަކާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.