ޖެނިފާ ގޭޓްސް އާއި ނަޔެލް ނައްސަރުގެ ކައިވެނީގެ ފޮޓޯތައް ފުރަތަމަ ފަހަރަށް އާއްމުކޮށްފިއެވެ.

ޖެނިފާ ގޭޓްސް އަކީ މައިކްރޯސޮފްޓްގެ ބާނީ ބިލިއަނަރު ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ ދޮށީ ދަރިފުޅެވެ. އުމުރުން 25 އަހަރުގެ ޖެނިފާ އާއި ނަޔެލްގެ ކައިވެނި ޕާޓީ އޮތީ މިދިޔަ ހަފްތާ ބަންދުގައި ނިއުޔޯކްގައެވެ.

ސްޓެންފޯޑް ޔުނިވަސިޓީން ޑޮކްޓަރުކަން ކިޔަވާފައިވާ ޖެނިފާ ކައިވެނީގެ ފޮޓޯ އިންސްޓަގްރާމްގައި އާއްމު ކުރަމުން ކައިވެނި ކުރި ތާރީޚް ޖެހުމަށް ފަހު ބުނެފައި ވަނީ "އަހަރެންގެ ދުނިޔެ" ކަމަށެވެ. ފޮޓޯ އިން ފެންނަނީ ޖެނިފާ އާއި ނަޔެލް އެވެ.

ޖެނިފާ ބުނީ ނަޔެލް އާއިއެކު ދިރިއުޅުމުގައި ކުރިއަށް ގޮސް އިތުރު ކަންކަން ދަސްކޮށް، އިތުރު އުފާތައް ހޯދައި ކާމިޔާބު ދިރިއުޅުމެއް ބިނާކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

ކައިވެނީގެ ހަފްލާ ފުރަތަމަ ފެށީ ހުކުރު ދުވަހު އެވެ. ފުރަތަމަ ކައިވެނި ކުރީ އިސްލާމް ދީނުގައި ކައިވެނި ކުރަން އޮންނަ ގޮތައް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ. އެއީ ނަޔެލް އަކީ މުސްލިމަކަށް ވާތީއެވެ. އެއަށް ފަހު ޖެހިގެން އައި ދުވަހު ފޮޓޯ ޝޫޓެއް ބޭއްވުމަށް ފަހު ބޮޑު ކައިވެނި ޕާޓީއެއް ބޭއްވިއެވެ.

ކައިވެނި ޕާޓީގައި ދެމީހުންގެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިން ބައިވެރިވިއެވެ. ކައިވެނި ޕާޓީގައި ބައިވެރިވި އެންމެން ވެސް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައި ކަމަށާއި އަދި ޕާޓީގެ ކުރިން އެންމެން ކޮވިޑަށް ޓެސްޓް ވެސް ކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.