ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އެއްވެސް ބަޔަކަށް ބިރު ނުދައްކާނެ ކަމަށާއި މައިނޯރިޓީއަށް އިހްތިރާމް ކުރައްވާނެ ކަމަށް ރައްޔޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ގޮނޑިއަށް އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފައިވާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ މާޒީއަށް ބަލާއިރު މަޖިލީހުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އާރާއި ބާރާއި ނުފޫޒު އަބަދު އެއް ބައެއްގެ އަތުގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އާރާއި ބާރު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދައްކައި، ރައްޔިތުންނަށް ނަފްސާނީ ގޮތުން ގެއްލުންދީ ހެދުމުގެ ނަތީޖާއަކީ އާހިރުގައި އެކަން އަނެއް ކޮޅަށް އެނބުރުން ކަމަށް ވިދާޅުވިއެވެ. އެކަން މިހާރު ވަރަށް ބޮޑަށް ސާފުވަމުންދާ ކަމަށް ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ ދެތިން މެންބަރުން މަޖިލީހުގައި ތަމްސީލް ކުރަމުން ދިޔަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ކުރީގެ ސަރުކާރުން ވަނީ އެ ބޭފުޅުންގެ މަސައްކަތަކަށް ހުރަސް އަޅައި ނަފްސާނީ ކޮށްފައި ކަމަށެވެ. އަދި މަޖިލީހުގައި ވާހަކަދައްކާނެ ފުރުސަތު ނުދިން ކަމަށާއި ބޭފުޅުންނަށް އެކަމުން އަރައިގަނެވުނީ މެންބަރުންގެ ހުރި ހިތްވަރުންކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް މަސައްކަތެއް ނުކުރާނަން،" ސަލީމް ވިދާޅުވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކޮށްފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނާއެކު ޕީއެންސީއަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއްގެ އިތުރުން އެމްޑީއޭގެ ދެ ކެންޑިޑޭޓެއް ވަނީ ކާމިޔާބު ކުރައްވައިފައެވެ.