އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި މީރާއިން ފަސްކޮށްފިއެވެ.
އެގޮތުން މީރާއިން މިދިޔަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ފަސްކޮށްދީފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާއި ހަމައަށެވެ.
މީރާއިން ވިދާޅުވީ، މިއަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ދެއްކުމުގެ ސުންގަޑި ވެސް ސެޕްޓެމްބަރު 30އަށް ފަސްކޮށްފައިވާ ކަމަށެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް މި ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކޭނެއެވެ.
މީރާއިން މި ސުންގަޑިތައް ފަސްކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި، ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ، އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ، ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯއްދެވުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ބަލަ ސުންގަޑި އިތުރު ކުރިޔަސް ނުލިބޭ އެއްޗެއް ދެވޭތޯ ލޮކްޑައުންގައި އޮންނަތާ މަސްދުވަސް ވެއްޖެ، !