ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ އެމްއާރުއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ މައުމޫން އަންގަވައިގެން ނޫން ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ކަމާލުއްދީން އިސްވެ ހުންނަވާ ވަނީ "ގައުމީ އެއްބައިވަންތަ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދެވަނަ ފަހަރަށް ހުށަހަޅުއްވައިފައެވެ،
ކަމާލުއްދީން އެންމެ ފުރަތަމަ ހުށަހެޅުއްވި ފޯމު އީސީއިން ބާތިލް ކުރީ އޭނާ އަދިވެސް އެމްއާރުއެމްގައި ހުރި ކަމަށް ބުނެއެވެ. އެކަމަކު އޭގެ ދުވަސްތަކެއް ކުރިން އޭނާ އެމްއާރުއެމުން ވަކިވި ކަން އާންމުކޮށް އިއުލާން ކުރެވުނެވެ.
އީސީއިން ބުނި ގޮތުގައި ކަމާލުއްދީން ވަކިވި ކަން އެމްއާރުއެމުން އަންގާފައި ނުވާތީ، އޭނާ އެ ޕާޓީގެ ދަފްތަރުގައި އޮތީއެވެ. ނަމަވެސް މިހާރު ވަނީ އެމައްސަލަ ހައްލުކޮށްފައެވެ.
"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ކަމާލުއްދީން ވިދާޅުވީ އޭނާ އުފައްދަވާ ޕާޓީއަކީ ރައީސް މައުމޫން އަންގަވައިގެން އުފައްދަވާ ޕާޓީއެއް ނޫން ކަމަށެވެ. އެއީ އާ ސިޔާސީ ފަލްސަފާއެއް ރާއްޖޭގައި އުފެދެން ޖެހިއްޖެ ކަމަށް ގަބޫލު ކުރެވިގެން އުފައްދަވަން ނިންމެވި ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަން ފެށުނީއްސުރެން ނިންމެންދެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވަމުން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ކަމާލުއްދީން ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"ރައީސް މައުމޫން އަޅުގަނޑާއި ބާއްވާ ގާތްކަމާއި އެކުވެރިކަމާއި އަޅުގަނޑު ރައީސް މައުމޫނަށް ކުރާ އިޚްތިިރާމާއި ގަދަރަކަށް ބަދަލެއް ނާންނާނެ. އެ ގުޅުން ހަމަ އެ ގޮތަށް އޮންނާނެ." ކަމާލުއްދީން ވިދާޅުވިއެވެ.
ކަމާލުއްދީން ވިދާޅުވީ އޭނާގެ އަމާޒަކީ އާ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވި، ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީއަށް ގެނެސްގެން ޕާޓީ ބޮޑުކުރުމެވެ. އަދި 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރުމެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރްއެމް އަށް ސަރުކާރުން ވަކި އިންސައްތައެއް ލިބިފައި ވީނަމަވެސް އެޕާޓީގެ ސިޔާސީ ހަރަކާތްތައް މާބޮޑަށް ކުރިއަށްދާތަނެއް ނުފެނެއެވެ. އެމްއާރްއެމް އިން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންނަށާއި އަދި މިއަހަރުގެ ކައުންސިލް އިންތިހާބުގައި ވާދަކުރެއްވި ގިނަ ބޭފުޅުންނަށް ވެސް އިންތިހާބު ކާމިޔާބެއް ނުކުރެވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.
އަޑުތަށް އިވޭގޮތުގަ މިޕާޓީ ހަދަނީ ބުރޯ ފަންޑު ކޮއްގެން އަކުރަމް އަޑީގަ ހުރެގެން ސަރުކާރުގެ ބައިވެރިވުމާއެކު، މިއޮއް ހުރިހާ ދުވަހުވެސް އޭކޭ އުޅުނު،، އެއްޕާޓީން އަނެއް ޕާޓީއަށް ދުވުނީ.
ކޮބައިބާ ނިޔަތަކީ ؟ މިއޮތްހާދުވަހު މީހުންގެ ފަހަތުން ހިނގީ .!!!!!! ބަޔަައް މަގުދެއްކުން އެއްކިބާގަ ބާއްވާފަ އަމިއްލައަށް ހިނގަން އެނގޭނެބާ؟؟؟؟