55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް ސަމާލު ނެރެފިއެވެ.

އޮރެންޖު ސަމާލު ނެރެފައި ވަނީ ނ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އޮރެންޖު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ނެރެފައި ވާތީ އާއި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވެސް މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ހާއްސަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވައިގަދަވެގެންދާ ވަގުތުތަކުގައި، އުސް އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސްގައި ހުންނަ ގަސްމުށި ފަދަތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި ވަޔާ އެއްލައިލަފާނެ ފަދަ ތަކެތި އެއްލައި ނުލާނޭހެން ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށް ފުލުހުން ވެސް މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.