މި ސަރުކާރުން ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުން އެދެވޭ ނަތީޖާއެއް ފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށީ 2019 ވަނަ އަހަރުއެވެ. ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވިއިރު އެއްވެސް ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އޮތީ ނިންމައިފައެވެ.

ނާސްތާ ޕްރޮގްރާމް އަންނަ އަހަރު އަލުން ފަށަން ނިންމައި، 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 135 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އަައިޝަތު އަލީ ވިދާޅުވީ އެ ޕްރޮގްރާމްގެ ތެރެއިން 49،000 އެހާ ދަރިވަރުން ނާސްތާ ޕްރޮގްރާމް ނަގަމުން ދިޔަ ކަމަށެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން 240 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ.

"ދަރިވަރުންގެ ކިޔެވުމުން އެދެވޭ ނަތީޖާ ފެންނަން ފަށައިފި. ކުދިން ފިލާވަޅުތަކަށް ފޯކަސް ކުރާލެއް ވެސް ވަރަށް ބޮޑުވެއްޖެ" މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ކުދިން އެއް ތަނެއްގައި ތިބެ ނާސްތާ ނެގުމަކީ ކުދިންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި އެއީ ދަރިވަރުންނަށް ލިބޭ އުފާވެރި ވަގުތުކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮލުގައި ރިއްސައިގެން ބަނޑުގައި ރިއްސާ ކަންތައްތައް ދިމާނުވޭ" މިނިސްޓަރު ވިދާޅުވިއެވެ.

ނާސްތާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ސީދާ ދިރާސާއެއް ހެދިފައެއް ނުވެއެވެ. މިހާރު ލިބިފައި ހުރި މައުލޫމާތުތަކަކީ ބެލެނިވެރިންނާ ޓީޗަރުން ދީފައިވާ މައުލޫމާތުތަކެވެ. ނަމަވެސް އަންނަ އަހަރު އަލުން ނާސްތާ ޕްރޮގްރާމް ފަށާއިރު އޭގެ ސަބަބުން ނިކުންނަ ނަތީޖާ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރުގާ

    ތިވެސް އެމްޑީޕީ ކެންޕޭނުތެރޭ ބުނެވުނު ކޮސް ވާހަކައެއްގެ ސަބަބުން މަޖުބޫރުވެގެން ކުރާކަމެއް. ވަކި ބަޔަކު މުއްސަނދިކުރަން ވެގެން.

    10
  2. ހަސަން

    އާނ ބަނޑުފުރޭނެ. އެނޫން އިތުރުކަމަކީ ބޮޑުންނަށް ބައިއެޅޭނެ މޮޅު އުކުޅެއްކަން.

    10
  3. ނާދިރާ

    މޑޕ އެކްޓިވިސްޓުންނަށް ލިބުނު ލާރިގަނޑެއް. އެނޫން ކަމެއް ނުވޭ

    10
  4. ކިނބޫ

    ތިދެނީ ނާސްތާ؟
    ތިއެއްޗެއް ދޭންކީފަހުން ސްކޫލްތައް ހުންނަންމިޖެހުނީ ބަންދުކޮއްފަ، ދަރިވަރުންގެ ކިޔެވުމަށް ތިބުނާ "އެދެވޭނަތީ ފެންނަންފެށީ" ގޭގައި ކުދިން ބައިތިއްބައިގެންތަ؟ ސުންޕާ ބައެއްތިއީ

    10
  5. ބުަރަވާ

    ނަތީޖާއެއް ނުފެނެއި އެއީ ބޮޑު އިސްރާފެއް ގިނަކުދިން ޕެކެޓު އެއްލައިލަނީ މުއްދަތް ހަމަވެފައިވާ އެތަށްކޭސްތަކެއް އުކާލަނީ

  6. ހަމީދު

    ދަރިވަރުންނަށް ދިން ނާސްތާގެ ސަބަބުން މިނިސްޓަރަށް ވައަށް އެދެވޭ ބަދަލެއް އައިސްހުރިތަން ފުޓޯތަކުން ފާހަގަވޭ! ދަރިވަރުންނެ ކިޔެވުމަކަށް އިތުރު ބަދަލެއް ނާދޭ! ގިނަ ކިރުޕެކެޓްތަށް ވަނީ އިސްރާފު. ގަދަ ބަދަވިކަމުން ގިނަ ދަރިވަރުންނަށް ކިރުޕެކެޓް ބޯން ދޭން ޖެހެނި. ކުދިން ބޯހިތްވާއެއްޗެއް ނޫން އެއީ! ތިޔަށް ވުރެން މާރަނގަޅުވާނެ ސުކޫލުތަކަށް ދަރިވަރުން ކިޔެވުމަށް ބޭނުންވާ ތަކެތި ގަންނަން ތިލާރި ދިނިއްޔާ! އަނގަ އޮތިއްޔާ މިނިސްޓަރުވެސް ދެން ކޮންމެވެސް އެއްޗެއް ބުނެފާނެ، ކާޅެއް ނުކާނެވިއްޔާ!

  7. އަބްދޫ

    ނަތީޖާ ރަނގަޅުތާ ، ދަވްލަތުން ބޭކާރު ހަރަދެއް އެބަހިގާ . ބޭނުމެއްނެތި ގައުމުގެ ފަގީރުކަން އިތުރު ކުރެވޭ. ވަކިބަޔަކަށް ނަޖާއިޒް ފައިދާ ހޯދާދެވޭ، އެހެންބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ މިނިސްތަރު ކުއްޖާ ޖަލަށް ދާންޖެހުންވެސް އެކަށީގެންވޭ.