ބ. އަތޮޅު ވައްކަރު މޯލްޑިވްސް ރިސޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ރިސޯޓުގެ ލެގޫން ބާ ގައެވެ.

ވައްކަރު މޯލްޑިވްސް ރިސޯޓުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ މީސް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ ވީޑިއޯތަކުން ފެނިގެން ދަނީ ރިސޯޓުގެ ވޯޓާ ވިލާ ގޮތަށް ފަރުމާ ކޮށްފައިވާ ބޮޑު ސަރަހައްދެއްގައި ހުރި ލެގޫން ބާގައި ރޯވެ އަނދަމުންދާ މަންޒަރެވެ.

އަދި އަލިފާންގަނޑު ނިއްވާލުމަށް ރިސޯޓު ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ވެސް އެވީޑިއޯއިން ފެނިގެން ދެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުނަށް ލިބުނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށެވެ.

މީޑިއާ އޮފިސަރު ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށާއި މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އޮފިސަރު އިތުރަށް ވިދާޅުވީ، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިވަގުތު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.