މިދިޔަ މާޗް މަހު މާލޭގައި 258 ކައިވެނި ކުރިއިރު މާޗް މަހު 179 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާޗް މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 128 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.
ވަކިވަކި މައްސަލަތަކަށް ބަލާއިރު ވެސް މާޗް މަހު ފެމެލީ ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެބާވަތުގެ 166 މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވެއެވެ.
ދަރިންގެ ހަޟާނާ ގުޅޭ ގިނަ މައްސަލަތަކެއް ވެސް މާޗް މަހު ފެމެލީ ކޯޓަށް ހުށަހެޅިއެވެ. އެބާވަތުގެ 19 މައްސަލައެއް މަސް ފެށުނުއިރު ވެސް ކޯޓުގައި އޮތެވެ. މަސް ދުވަސް ތެރޭގައި ކޯޓުން ނިމުނީ ހަޟާނާތުގެ އެންމެ ފަސް މައްސަލައެކެވެ. އެހެންކަމުން މަސް ނިމުނުއިރު އިތުރު 15 މައްސަލައެއް ނުނިމި އޮތެވެ.
ދަރިން ނުދެއްކުމުގެ 13 މައްސަލައެއް މަސް ފެށުނުއިރު ކޯޓުގައި އޮތެވެ. ދަރިން ނުދެއްކުމުގެ އިތުރު ތިން މައްސަލައެއް މާޗް މަހު ކޯޓަށް ހުށަހެޅުނެވެ. ދަރިން ނުދެއްކުމާއި ގުޅޭ ދެ މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައިއެވެ. އެހެންކަމުން ދަރިން ނުދެއްކުމުގެ 14 މައްސަލައެއް މާޗް މަސް ނިމުނުއިރު ކޯޓުގައި އޮތެވެ.
ނަސަބު ސާބިތު ކުރުމުގެ ދެ މައްސަލައެއް މާޗް މަހު ފެށުނު އިރު ފެމެލީ ކޯޓަށް ހުށަހެޅިފައި އޮތެވެ. އޭގެ ތެރެއިން ނިންމާފައިވަނީ އެއް މައްސަލައެވެ.
ކުޑަކުދިންގެ ގާނޫނީ ބެލެނިވެރިކަން މީހުންނާ ހަވާލު ކުރުމުގެ އެއް މައްސަލަ މާޗް މަސް ފެށުނުއިރު ވެސް ކޯޓުގައި އޮތެވެ. މިދިޔަ މަސް ނިމުނުއިރު އެ މައްސަލަ ނިންމާފައެއް ނުވެއެވެ.