މިފްކޯއިން މަސް ކިރާ މިންވަރު އަނެއްކާވެސް ލިމިޓް ކޮށްފިއެވެ.

މަސްވެރިކަން މާބޮޑަށް ރަނގަޅުވެ މަސް ފްރީޒް ކުރެވޭނެ ކެޕޭސިޓީ ނެތިގެން މިފްކޯއިން ވަނީ މި މަހުގެ ހަވަނަ ދުވަހު މަސް ކިރުން ލިމިޓްކޮށްފަ އެވެ. އަދި އޭގެ ފަހުން ކިއު ތަރުތީބުން ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ދިޔައީ ކިރަމުން ނެވެ.

އެހެން ނަމަވެސް މަސްވެރިންގެ އުތުރިއެރުމާ ގުޅިގެން މިފްކޯއިން ވަނީ ލިމޓް އުވާލައި 12 އޭޕްރީލްއިން ފެށިގެން ކޮންްޓްރޯލް ކުރުމަކާ ނުލާ މަސްކިރުމުގެ މަސައްކަތް ކުރިއަށް ގެން ގޮސްފަ އެވެ، އަދި އޭރު ކިއު ތަރުތީބުން ހުރިހާ ދޯންޏެއްގެ މަސް މިއަދުގެ ނިޔަލަށް ކިރައިދީ ނިންމައިފަ އެވެ.

ކިއުގައި ތިބި ހުރިހާ ދޯންޏެއްގެ މަސް ކިރުމުން މިފްކޯއިން މާދަމާއިން ފެށިގެން އަނެއްކާވެސް ލިމިޓްކޮށް މަސްކިރަން ވަނީ ނިންމައިފައެވެ. ނަމަވެސް މިފަހަރު ފަސް ޓަނުގެ ބަދަލުގައި ހަތް ޓަނުގެ މަސް ކިރައިދޭނެ އެވެ.

އަލުން ލިމިޓް ކަނޑައެޅީ މަސްވެރިން ބާނާ މިންވަރު އެއްވަރެއްގައި ހުރުމާއެކު ކެޕޭސިޓީއާ އެއްވަރަށް މެނޭޖުކޮށްގެން ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް މިފްކޯއިން ބުނެއެވެ.

"މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަވަސް ހިދުމަތްތައް ފޯރުކޮށްދީ މަސްވެރިންގެ ކަންބޮޑުވުން ބަލައިގަނެ މި ކުންފުނިން ދެވޭ ހިދުމަތަކީ މަސްވެރިންނަށް ދެވޭ ހިދުމަތަކަށް ހެދުމަށެވެ." މިފްކޯއިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.