އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމިއްލަ ގެކޮޅުގައި ދަމާފައިވާ ބެނާއަކުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ސަބަބު ފުލުހުންނަށް ބުނެ ނުދެވޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.

ކޯޓު އަމުރަކާއެކީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ދޫވެއްސަށް ވަދެ އެގޭގައި ހަރުކޮށްފައިހުރި ބޮޑު ބެނާއެއް ވަނީ ނަގާފައެވެ. އެ ކޯޓު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ވިދާޅުވެ، ކޯޓު އަމުރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެ މައްސަލައިގާ މިއަދު ވަނީ ފުރަތަމަ އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފައެވެ. މިއަދުގެ ޝަރީއަތުގެ ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ.

ޔާމީން އިސްވެ ހުރެ ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިއާގެ ސިފައިން މިގައުމުން ބޭލުމަށް ގޮވާލާ ކުރިޔަށް ގެންދާ ސުލްހަވެރި ހަރަކާތެކެވެ. އެހެންނަމަވެސް އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅާ އެ ކެމްޕޭން އަކީ ގައިރުގާނޫނީ ކެމްޕޭނެއް ކަމަށް ރިޔާސީ ގަރާރަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެއާއެކު ސަލާމަތީ ބާރުތަކުން އަންނަނީ އެ ކެމްޕޭނަށް ހުރަސްއަޅަމުންނެވެ.

މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ބެނާ ނެގުމަށް ކުރި އަމުރުގައި ޔާމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ އާންމު މަސްލަހަތަށް ގެއްލުންވުމުގެ އަމަލެއް ހިންގިކަމުގެ ކުށަށްވާއިރު، އާންމު މަސްލަހަތަށް ގެއްލުންވަނީ ކޮންގޮތަކަށްތޯ ފުލުހުންނަށް ބަޔާންކޮށްދެވިފައި ނުވާ ކަމުގައެވެ.

ޝިޔާޒު ވިދާޅުވީ ގާނޫނުން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އަމިއްލަ ގޭގައި ހުރެގެން ފާޅުކުރާ ހިޔާލަކީ އާންމު ތަނެއްގައި ހުރެ ފާޅުކުރި އަދި އާންމު މަސްލަހަތު ގެއްލޭ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އަދި ފުލުހުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން އެއްވެސް ސާބިތު ހެއްކެއް ނެތި އެމަނިކުފާނުގެ މުދަލުގެ މިނިވަންކަމުގެ ހައްގަށް އަރައިގެންފައިވާ ކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.

އަޑުއެހުމުގެ ވަގުތު ހަމަވުމުގެ ސަބަބުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެއެވެ. އަޑުއެހުމުގައި ފުލުހުންގެ އިސްވެރިންވެސަ ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ކޮންމެހެން ފުލުހުން ނުބުންޏަސް އެންމެނަށްވެސް އެގޭނެ ކަލޭމެން ތިކުރާކަމަކީ ބައެއްގެ ތެރޭގަ ދޭތެރެ ޖައްސާ ޤައުމުގެ އަމަން އަމާންކަން ނަގާލަން ކުރާ ކަމެއްކަން ! ދެން މުޖުތަމަޢު އަށް ނުރައްކާ ނުވޭތަ ؟ ކަލޭމެން ތިތިބީ ހޭބަލި ވެފަތަ ؟ ވެރިކަމަށް ފައިނެގިއަސް ކަލެއަކަށް މިޤައުމުގެ ވެރިކަމެއް ދެން ނުލިބޭނެ ! މޮޔަވާން ވީނު ؟

    11
  2. އަބްދޫ

    މުޖްތަމައަށާއި ގައުމަށް ނުރައްކަލީ ބޭނާގެ ސަބަބަކުންނޫން. ދިވެހިގައުމަށާ އިސްލާމްދިނަށައި މުސްލިމަރައްޔިތުންނަށައި ދިވެހިގައުމަށް ނުރައްކކާ ވެފަ ވަނީ ގާނޫނުއަސަސިއާއ ގާނޫނާއި ހިލާފު އެގްރިމެންޓެއްގަ މާރިޔާ ސޮއިކުރުން.

  3. Anonymous

    ތާއީދު.
    މިޒަމާނެއްގައި، ދިވެހި ބިމަށް ވެރިކޮށްގެން ގެންގުޅޭ އިންޑިޔާ ސިފައިންގެ މައްސަލައިގައި ދިވެއްސެއްގެ ހައިސިއްޔަތުން ޚިޔާލެއް ފާޅުކޮށްލާނަން.
    އެއީ ދިވެހިރާއްޖޭގެ ވެރީން ޤަބޫލުކުރައްވަން އެބަ ޖެހެޔޭ ތިޔައީ ދެއުޅިއެއް ނުވާ ކަމެއްކަން. ބޭކާރު ކަމެއްކަން ތިޔައީ.
    އެމީހުންގެ އެހީ ނުލިބިދާނެތީ، ޝަރުއީ ޙުކުމްތަށް އެމީހުން ބޭނުންވާ ގޮތްގޮތަށް ބަދަލުކޮށްފާ، އެމީހުންގެ އެހީ ދެއްވާތޯ ، ދުނިޔޭގެ ބޮޑެތި ދަޢުލަތްތަކަށް، މި އިސްލާމީ ދިވެހި ފަސްގަނޑު ހަވާލުކުރީމާ އެގެއްލެނީ އަޅުގަނޑުމެންގެ މިނިވަންކަން.(ދީނާއި ޤައުމިއްޔަތު) އެމީހުން، އަޅުގަނޑުމެން ޅޮސް އުނދޯއްޔަށް އެރުވީމާ އެމީހުން ބުނިގޮތަކަށް ހަދައިގެން ދިޔައިމާ، އަމިއްލަ އަތުން ހަލާކުގެ ތެރެއަށް ވެއްޓުން ނޫން ދެވަނަ ކަމެއް ނުވާނެ. ދިފާޢެއް ނޫނެ ވާނީ ހަލާކެއް.

    އަދިވެސް ހަޅޭއްލަވައި ގޮވާލަން. މުސްލިމުންނަށް ޢަދާވާތްތެރި، އަނިޔާވެރި، މުސްލިމުންގެ ލޭއޮރުވާ ވެރި ބައެއްގެ ފަރާތުން މުސްލިމުންނަށް އެހީތެރިކަމާއި ދިފާޢުވުން ލިބޭނޭ ކަމަށް ހީކުރުމަކީ މޮޔަކަމެއް. އެހެން ވައްތަރެއްގެ އެހީއެއް ލިބިދާނެ. މާއްދީ އެހީތަށް ލިބިދާނެ. އެޔަކު އިޅްލާސްތެރިކަމެއް ނުހުންނާނެ
    އޭގެން އެމީހުން ފުއްދާން އުޅޭ ބޭނުމަކީ ދިވެހީންގެ ޢަޤީދާ ހަލާކުކުޅައުމާއި، ދިވެހި ބިން ފޭރިގަތުން. މިކަމުގައި ވެސް އެމީހުން ގެންގުޅޭނީ ޝައިޠާނާގެ ފިޔަވަޅުތައް. ފުރަތަމަ ފިރުކެމުން. ދެން ހިނގަމުން. ދެން ދުވަމުން. ދެން! އާދެ! ދެން އުދުހެމުން.
    އެހެންކަމުން އަދު އިންޑިޔާ އައުޓްކުރެވޭތޯ، ކޮންމެ ދިވެއްސަކުވެސް ހަޅޭއްލެވުމަކީ ނެތްކަމެއް ނޫން. އޮތްކަމެއް.

  4. ކުޅިރިހާކުރު

    އިންޑިޔާ އާދޭތެރޭ މިހާ ލޯބި ދެންޏާ އެހެންގައުމުތަކުގެ ނުރައްކާ ތެރިކަން މިގައުމަށް ނޯންނާނެބާ< ސޯލިހު ވިސްނާލަބައްލަވާ..