އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމިއްލަފުޅު ގެކޮޅު، ހ. ދޫވެހިގޭގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބޮޑު ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދޫކުރި އަމުރާއި ގުޅިގެން ހައިކޯޓުގައި ކުރިޔަށްދާ މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން ހ. ދޫވެހީގައި ދަމާފައި ހުރި 40 ފޫޓްގެ ބެނާ ފުލުހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ނަގާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިޔަށް ގެންދާ ހަރަކާތުގެ ސަބަބުން ދޭދޭ ގުޅުންތަކަށް ބުރޫއަރާ، ގައުމުގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ހަރަކާތް ހުއްޓުވަން ރިޔާސީ ގަރާރެއް ނެރުއްވާފައެވެ.

އެހެންނަމަވެސް ރައީސްގެ ގަރާރުން ހައްގުތަކަށް ހުރަސް އެޅޭކަމަށް ބުނެ އެ ގަރާރު ބާތިލުކުރުމަށް ވެސް އިދިކޮޅުން ވަނީ ހުށަހަޅާފައެވެ.

ބެނާގެ މައްސަލައިގާ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށާއި އަދި ބެނާ ނެގުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޔާމީންގެ ފަރާތްޕުޅުން ވަނީ އެ އަމުރު އިސްތިއުނާފް ކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައިވާއިރު ހުކުމް އިއްވުމުގެ މަޖިލީސް އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 އަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    އެމްޑީޕީބުނޭ އަންނި ވެލާނާގެއިން ކުޑަކުޑަ ވައްކަމެއްކޮށްގެން ޖަލަށްލިވާހަކަ، މިހާރުމިއީ ވައްކަމެއް ކޮށްގެނެއްނޫނެވެ. މިއީ ދިވެހިގައުމު އަލުވެތިކަމުން ސަލާމަތްކުރުމަށް އަމިއްލަގޭގައި މީހަކަށް އުދަގުލެއްނުވާގޮތަށް ދަމާފައިހުރި ބެނާއެއްގެ މައްސަލާގައި ހުކުމްކުރަނީއެވެ. ވީމާ ހުދުމުހުތާރީ އެމްޑީޕީއެވެ.