މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ކްރިމިނަލް ކޯޓުން މިނިވަންކުރުމުން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޔޯގާ މައްސަލައިގައި ފުލުހުން ޝެއިހް ފަޒްލޫނާއި ނިޝާން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޔޯގާ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހުންގެ ތެރޭގައި ޝެއިހް ފަޒްލޫން ހިމެނެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހެއްހާ ދުވަހު ފަޒްލޫން ހުންނެވީ ފުލުހުންގެ ބަންދުގައި ޖަލުގައެވެ. ކްރިމިނަލް ކޯޓުން ޝެއިހް ފަޒްލޫން މިނިވަންކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ޝަރުތުތަކަކާއެކު ފަޒްލޫން ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް، މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހަމަނުޖެހުން ހިނގި އިރު ޝެއިހް ފަޒްލޫން އެ ސަރަހައްދަކު ނެތެވެ. އަދި މަޝްރަހު ހޫނުވާން ފެށުމުން އެކަން ހައްލުކުރަން މަސައްކަތް ކުރިތަން ވީޑިއޯތަކުން ފެނެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ކޯޓުން މިނިވަންކޮށްފައިވާއިރު، އެ މައްސަލައިގައި ނަމާދަށް މިސްކިތަށް ދަނިކޮށް ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޝިރުކާ ދެކޮޅަށް ނިކުތް މީހުން ހައްޔަރުކުރި ބަޔަކު އަވަހަށް ތައުބާވޭ. އެގޮތަކީ ތިޔަވަނީ ﷲ ގެ ޙައްޤަކަށް އަރައިފާ. އަނެއްކާ މީހަކު މިސްކިތައް ދަނިކޮށް އޭނާ ނަމާދުން އެއްކިބާކޮށް ހުރަސް އެޅާ ބަންދުކުރި ބަޔަކުވެސް ތައުބާވޭ. އެގޮތަކީ އެބަޔަކު އެވަނީ އަދިވެސް އެ ފާފައިގެ މަތީގައި.

    20
  2. އަހުމަދު

    ލާދީނީ ސަރުކާރު އައުޓް.

    22
    1
  3. ހުސޭނުބޭ

    ޝައިޚް ފަޒްލޫނު ހައްޔަރުނުކުރެވިގެން ހާދަ ތެޅުމެއް އެބަ ތެޅެޔޭ! ކޮބައިހޭ ރޯޔަލް މޯކުޅި ކޭސް.

  4. ވާނުވާ

    ފިރިހެން ކުޅިން ހައްޔަރު ކޮށްބަލަ

  5. އިނާ

    ޝެއިޚް ނާޒިމް ސައްތާރު ގޭގަ.