ހުއްދަ ނޫން ކެމިކަލް ހަތިޔާރު ބޭނުންކޮށްފިނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލު މީގެ ކުރިން އޮތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ގުޅޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީއަކުން ދިރާސާކޮށް އޮތީ ފާސްވެސް ކޮށްފައެވެ.

އެ ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 56 މެމްބަރުންގެ ވޯޓާއެކު އެވެ.

ކެމިކަލް ހަތިޔާރު މަނާ ކުރުމަށް ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކެމިކަލް ހަތިޔާރާބެހޭ ބައިނަލްއަވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެމަތިން އިންސާނުންނަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންދެނިވި ކެމިކަލް ހަތިޔާރު ކަނޑައަޅައި އެތަކެތި ތައްޔާރުކުރުމާއި އުފެއްދުމާއި ރައްކާރުމާއި ބޭނުންކުރުން މަނާކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށެވެ.

އަދި ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ ކެމިކަލް ހަތިޔާރާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްކުރާ ޒިންމާތައް އަދާރުމާގުޅޭ އުސޫލުތައް ބަޔާން ކުރުމަކީ ވެސް މިގާނޫނުގެ މަގުސަދެކެވެ.

ބިލުގައިވާ ގޮތުން ކެމިކަލް ހަތިޔާރު ތަރައްގީކުރުން ނުވަތަ އުފައްދާ މީހާ އެ ކުރަނީ ކުށެކެވެ. އެފަދަ ކުށެއް ކުރި މީހަކަށް، ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 10 އަހަރު ދުވަހާއި 20 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް ބިލުގައިވެ އެވެ.

ކެމިކަލް ހަތިޔާރު ބޭނުން ކުރުމަށް އަސްކަރީ ތައްޔާރިތައް ވުން އެއީ ވެސް ކުށެއް ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފައެވެ. އެފަދަ ކުށެއް ކުރި މީހަކަށް ވެސް 10 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމަކާއި ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ.

ބިލްގައިވާ ގޮތުން ގާނޫނު ތަންފީޒުކުރުމަށް ކެމިކަލް ވެޕަންސް ޔުނިޓްގެ ނަމުގައި ޔުނިޓެއް އުފެއްދޭނެ އެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލައި ފާސްކުރަންޖެހޭ ފެސިލިޓީތައް ބަލައި ފާސްކުރުން ހިމެނެ އެވެ.