ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ނިންމީ ގޯސްކޮށް ކަމަށާއި އެކަމާ މެދު އެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭ ކަމުގައި ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމްގައި ބުނީ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ސަބަބެއް އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތަކީ ގައުމީ ސާލަމަތަށް ނުރައްކާވާ މައުލޫމާތެއް ކަމަށް ކަނޑައެޅީ ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފުން ދިން މައުލޫމާތެއް މައްޗަށް ބިނާކޮށް އެކަނި ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އެގޮތަށް ނިންމީ ސިއްރު އެއްބަސްވުމަކަށް ރިއާޔަތްކޮށް ކަމަށް އެ ނިންމުމުގައި ބުނެފައި ވިޔަސް، އެއީ އޮތް އެއްބަސްވުމެއްތޯ އާއި އެއްބަސްވުމުގައި ހުރި ކަމަށް ބުނާ ކަންކަން ކަށަވަރު ކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ވެސް ހުކުމްގައިވެއެވެ.

އެހެންވެ، އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމީ އަމަލު ކުރަންޖެހޭ އިޖްރައާތުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެކަމާ މެދު އެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމްގައިވެއެވެ. މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި، އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ މައްސަލަ އިޖުރާއަތްތައް ފުރިހަމަކޮށްގެން ބެލުމަށް އަމުރުކޮށްފައިވެއެވެ.

އެގޮތަށް ހައި ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ޝަހީދެވެ.

ނޮވެމްބަރު 2021ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންގައި އެ ގައުމުގެ 75 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުކުޅޭ

    ގައުމީސަލާމަތަށް ނުރަށްކާތެރި ސޯލިހުވެސް އޭނަ ކަނޑައެޅިގެން ގައުމީސަލާމަތަށް ނުރަށްކާކޮށް ރާއްޖޭގެ ވެރިކަމުގަ ބޮޑުވެގެންވާ ދޮގެއްހަދައިގެން ވެރިކަމުގަ 5 އަހަރު ފަނޑިޔާރުގެ ކުރިމަތީ ދޮގުހުވާކޮށް އިންޑިއާސިފައިންނާއި އެކު ހުރުމަކީވެސް ގައުމަށް ނުރަށްކާތެރި 5 އަހަރު މިކަމުގާ ސޯލިހާދެކޮޅަށް ދައުވާ އުފުލެންޖެހޭނެ ގައުމީ ސަލާމަތަށް ނުރަށްކާތެރި މި ލަފުޒު އެހެންނޫނީ ބޭނުންކޮށްގެންނުވާނެ ރަށްޔަތުންނަށް އޮޅުވާނުލާ މުއިއްޒު ޖެހޭނެ ސޯލިހާ ދެކޮޅަށް ދައުވާ އުފުލަން ނޫންނަމަ މުއިއްޒުއަށްވެސް ހެޔޮވެރިކަން ނުކުރެވޭނެ.

  2. Anonymous

    ީނަދި