ދުނިޔަވީ ހަޔާތުގެ އުފަލާއި އަރާމާއި އާހިރަތުގެ ބާއްޖަވެރިކަން ދުނިޔެވީ އެދުންތަކުގެ ތެރެއަށް އިންސާނާ ޣަރަގުވެފައި ތިބި މި ފަދަ ދުވަސްވަރެއްގައި އީމާންކަން ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ގަދައަޅައި މަސައްކަތް ނުކޮށްފި ނަމަ އީމާންކަން ބަލިކަށިވެ ނުބައި މަގުން ދެވުމަކީ ވަރަށް ގާތް ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"އީމާންކަން ހަރުދަނާކުރުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، އިންސާނާގެ ހަގީގީ ކާމިޔާބީ އާއި ބާއްޖަވެރިކަން ވަނީ މާތްﷲ އަށް ފުރިހަމަ މާނާގައި އީމާންވުމުގައި ކަމަށެވެ. އަދި އީމާން ކަމަކީ އިސްލާމް ދީނުގެ އަސާސް ކަމަށް ޚުތުބާގައި ވެއެވެ.

އެހެންކަމުން ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމާއި އާހިރަތުގެ ބާއްޖަވެރިކަން ދުނިޔެވީ އެދުންތަކުގެ ތެރެއަށް އިންސާނާ ޣަރަގުވެފައި ތިބި މި ފަދަ ދުވަސްވަރެއްގައި އީމާންކަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ގަދައަޅައި މަސައްކަތް ނުކޮށްފި ނަމަ ތިމާގެ އީމާންކަން ބަލިކަށިވެ ނުބައި މަގުން ދެވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ހުތުބާއި ވިދާޅުވި އެވެ. އިންސާނާގެ އަމަލުތަކަކީ އޭނާގެ އީމާން ކަމަށް އަސަރު ފޯރުވާ ކަންކަން ކަމަށެވެ.

ހަގީގީ މާނާގައި މާތްﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހްސާސްތައް އުފައްދާ ކަމެއް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އެކަލާނގެ އަމުރު ކުރެއްވި ކަންކަން އަދާކޮށް ކިޔަމަންތެރިކަމުގެ ތެރެއަށް އިންސާނާ ވެދެވޭ ކަމެއް ކަމަށާއި ނަހީކުރެއްވި ކަންކަމާއި އެކަހެރިވެ ދުރުހެވިވެވޭ ކަމެއް ކަމަށެވެ.

"މިއަދު އަހަރެމެންގެ މުޖްތަމައުގައި ވެސް ތަޅާފޮޅުމާއި މާރާމާރީ ވަނީ އާންމުވެފައި. ވައްކަމާއި ހިޔާނާތާއި، މަކަރުހެދުމާއި، އެކަކު އަނެކަކަށް ފުރައްސާރަކުރުން ވަނީ އިތުރުވެފައި. ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި ބަދު އަހްލާގީ އަމަލުތައް ވަނީ ހައްދު ފަހަނައަޅައި ގޮސްފައި. މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރިކުރުން ވަނީ އާންމުވެފައި އެފަދަ އަމަލުތަކަށް އަރައިގަނެވޭ ސަބަކަކީ މާތްﷲ ހަނދުމަ ކުރުން އެއްކިބާވުން އީމާންކަން ބަލިކަށިވުން." ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ އީމާންކަމަކީ ހިތުގައި ސާބިތުވެފައިވާ ވަރުގަދަ އަގީދާ އެއް ކަމަށެވެ. އެއީ ތިމާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޔަގީންކަމެއް ކަމަށެވެ. އަދި ތިމާ ތެދުކޮށް ކަށަވަރުކޮށްފައިވާ ކަށަވަރު ކުރުމެއް ކަމަށެވެ.

މުޖްތްމައުގެ ފާސިގު އަމަލުތަކާއި ކުށްތަކުން ސަލާމަތްކޮށް އިސްލާހު ކުރެވޭނީ މާތް ﷲ އާއި ޣައިބުގައިވާ ހުރިހާ ކަންތައްތަކަށް ފުރިހަމަ މާނައިގައި އީމާންވެ އަގީދާ ވަރުގަދަކޮށްގެން ކަމަށް ވެސް ޚުތުބާގައި ވިދާޅުވި އެވެ.

އަދި ގައުމުގެ ތައުލީމީ ފަލްސަފާ އާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް އެ މަންހަޖު ތަންފީޒު ކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭ، އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަ ވާނެ ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށް ޚުތުބާގައި ވެއެވެ.