ވެށި ރައްކާތެރިކުރުމަށް އިސްލާމް ދީނުގައި ދީފައި އޮންނަ މުހިންމުކަމުގެ މައްޗަށް މިއަދުގެ ހުތުބާގައި އަލި އަޅުވާލައިފި އެވެ.

މިއަދު ހުތުބާގައި ވިދާޅުވީ މުއުމިނުންނަކީ އޭނާ އެތަނެއްގައި އުޅޭ ވެއްޓާ ސުލްހަވެރި، އެ ވެއްޓާ ކުރިމަތިވާ ނުރައްކާތަކުން އެ ވެށި ރައްކާތެރިކޮށް ސަލާމަތްކޮށްދޭ މީހެއް ކަމަށެވެ. އަދި އެއީ އޭނާގެ ދީނީ، އިންސާނީ އަދި ވަތަނީ މަސްއޫލިއްޔަތެއް ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ވެއްޓަކީ ހަޔާތުގައި ވަރަށް މުހިންމު ބަހާއެއް ކަން ފާހަގަކޮށް ހުތުބާގައި ވިދާޅުވީ ވެށި ފާސިދުވުމުން އަހަރެމެންގެ ސިއްހަތު ފާސިދުވެގެން ދާނެ ކަމަށެވެ. އަދި ވެށި ރަނގަޅުނަމަ ހަށިތަކަށް ދުޅަހެޔޮކަން ލިބޭނެ ކަމަށެވެ.

ނަމަވެސް އިންސާނުން ވިރާސީ މޭސްތިރިކަމުގެ ދަށުން މޭވާއަށާއި ގަސްގަހާގެއްސަށާއި ދިރޭއެއްޗެއްސަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މާތްﷲ ހަލްގުކުރެއްވި ތަކެތި ތަގައްޔަރުވަމުންދާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

"ސަބަބަކީ އަހަރުމެން ކާ ތަކެއްޗާއި ބޯ ފެނާއި ނޭވާލާ އޮކްސިޖަން ހުރީ އެ ވެށީގަ އެވެ" ހުތުބާގައި ވެއެވެ.
ހުތުބާގައި ދެން ވިދާޅުވީ ވަޔާއި ފެނާއި ކަނޑުގެ ލޮނުގަނޑުވެސް ތަޣައްޔަރުވެސް ވެފައިވާ ކަމަށެވެ. އަދި އޭގެ ފަހަތުގައި ވެސް ހުރީ އިންސާނާ ކަަމަށާއި އަދި އޭގެ އަސްލަކީ އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފުވުން ކަމަށެވެ.
"ދަނޑު ހެއްދުމަށް އަޅާ ގަސްކާނާއާއި ހިމެނޭ ކެމިކަލްތަކުން މިއަދު ކާބޯތަކެތި ދަނީ ތަޣައްޔަރުވަމުން ނެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ދެރަވެ ޖެހޭ ބަލިތައް ވަނީ އިތުރުވާން ފަށައިފަ އެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ކަނޑަށް އެޅޭ ކުނި ބުނީގެ ސަބަބުން ފަރުތައް ދަނީ ހަލާކުވަމުންނެވެ" މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ދުނިޔެއަށް އަމާންކަމާއި ސަލާމަތްކަން ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ވެއްޓާއި ކަނޑު ފަޅާއި ވަޔާއި ޖައްވާއެކު ރީތިކޮށް މުއާމަލާތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ކީރިތި ރަސޫލާ ދެއްވި އިރުޝާދު ވެސް މިއަދު ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
އެގޮތުން ތިމާވެށި މުޑުދާރުނުކޮށް ހާއްސަކޮށް ފެން މުޑުދާރު ނުކުރުމަށް ރަސޫލާ އިރުޝާދު ދެއްވި ކަމަށް ވިދާޅުވެފައި ވެއެވެ.