ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގައި ބެލްޖިއަމާއި ދެކޮޅަށް ކުޅޭ މެޗުގައި އިނގިރޭސި ދެ ޑިފެންޑަރުން ކަމުގައިވާ ހެރީ މެގުއާ އަދި ކައިލް ވޯކާ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ބްރެޒިލް އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި މެ ދެ ކުޅުންތެެރިން ވެސް ވަނީ އަނިޔާވުމާ ގުޅިގެން ބަދަލުކޮށްފައެވެ. އެ ގޮތުން އެ މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ކައިލް ވޯކާ ވަނީ އަނިޔާވެގެން ބާލައިފައެވެ. ވޯކާ ފޭބުމުން ކެޕްޓަން ބޭންޑު އެޅީ ހެރީ މެގުއާ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި އޭނާވެސް ވަނީ އަނިޔާ ވެގެން ބާލައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި މެޗުގައި ނުކުޅެވޭނެކަން ކަށަވަރުން މި ދެ ކުޅިންތެރިންވެސް ވަނީ އެނބުރި އެ ދެ ކުޅުންތެރިންގެ ކުލަބުތަކަށް ގޮސްފައެވެ. މީގެ އިތުރުން އަނިޔާގަައި ހުރި އެ ޓީމުގެ ފޯވާޑު ހެރީ ކޭންވެސް އެނބުރި ބަޔާނަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ވޯކާ އަދި މެގުއާގެ ބަދަލުގައި އިނގިރޭސި ވިލާތުން ވަނީ އެ ގައުމުގެ 21 އަހަތުން ދަށުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ސްކޮޑަށް ނަގާފައެވެ. އެއީ 21 އަހަރުގެ ޖޭމްސް ޓްރަފޯޑާއި 19 އަހަރުގެ ރިކޯ ލެވިސެވެ. މި ދެ ކުޅުންތެރިންނަކީވެސް ޑިފެންސަށް ކުޅޭ ދެ ކުޅުންތެރިންނެވެ.

އިނގިރޭސި ވިލާތަށް ވަނީ އަމިއްލަ ދަނޑުގައި ބަލި ނުވެ ދަމަހައްޓަމުން އައި ރިކޯޑު ނިމުމަކަށް އައިސްފައެވެ. ބްރެޒިލް އަތުން އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެފައެވެ. މިހާރު މި ކުޅެވޭ ރަހުމަތްތެރިކަމުގެ މެޗިތަކަކީ ކުރިއަތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރު ބުމުގެ ގޮތުން ޔޫރަޕުގެ ގައުމުތަކުން ކުޅެމުން އަންނަ މެޗުތަކެކެވެ.

އިނގިރޭސިވިލާތާއި ބެލްޖިއަމް ކުޅޭ ރަހުމަތްތެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އިނގިރޭސިވިލާތިގެ ވެމްބްލޭ ސްޓޭޑިއަމުގައެވެ.