ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭސް ޓްރެވަލްސް އަށް ދޭން ޖެހޭ 8 ލައްކައެއްހާ ރުފިޔާ ނުދީގެން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން އޭސް ޓްރެވަލްސް އަށް 8 ލައްކައެއްހާ ރުފިޔާ ދައްކަން ޖެހެނީ ގައުމީ ފުޓްބޯޅަ ޓީމުގެ ދަތުރުތަކަކަށް އޭސް ޓްރެވަލް މެދުވެރިކޮށް އެފްއޭއެމުން ގަތް އެއާ ޓިކެޓްތަކަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ވަނީ އެފްއޭއެމްގެ މައްޗަށް އޭސް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ދައުވާކުރާ ޗެކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ބޭނުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށެވެ. މި މައްސަލަ އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައެވެ.

އެފްއޭއެމުން އޭސް ޓްރެވަލްސް އަށް ދައްކަން ޖެހޭ 8 ލައްކައެއްހާ ރުފިޔާގެ މައްސަލައެއް ފެންމަތިވިއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީޓީވީން ވަނީ އެފްއޭއެމުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެއްކުން ހުއްޓާލައިފަ އެވެ.