ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފޯކައިދޫ ފުޓްބޯލް ކްލަބް އަތުން ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ 1-0 އިންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެެއް ފެނިގެންދިޔަ އިރު އިދިކޮޅު ގޯލަށް ބޮޑަށް ނުރައްކާ ކުރީ ޓީސީ އިންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި އިސްމާއިލް އީސާ (މެސީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރާހީމް އަތީގު ހަސަން ފޮނުވާލި ހަމަލާ ފޯކައިދޫގެ ގޯލްކީޕަރު މަތަކުރި އިރު 18 ވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) ފޮނުވާލި ބޯޅަ ވެސް ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ޓީސީން ފޯކައިދޫގެ ފަހަތަށް ބާރު ބޮޑުކުރި އެވެ. މި ހާފުގެ ކުރީކޮޅު ލީޑު ނަގަން ޓީސީ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ހުހަށްހުރެ މުހައްމަދު އައްޒާމް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މިއަދުގެ މެޗުގައި ޓީސީގެ ގޯލާއި އަމާޒުކޮށް ފޯކައިދޫގެ ފުރަތަމަ ހަމަލާ އެޓީމުން ފޮނުވާލީ 60 ވަނަ މިނެޓުގައެވެ. ފޯކައިދޫގެ ހުސެއިން ލަމާން އަހުމަދު ފޮނުވާލި ބޯޅަ ކީޕަރު އިބްރާހީމް ނަދީމް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗު ނިމެން ބާރަ ވަރަކަށް މިނެޓު ވެފައި ވަނިކޮށް ޓީސީން އުފެއްދި ހަމަލާ އެއްގައި ސައްޓު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއަދުގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުހައްމަދު އަޖުފާނެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓީސީ ތާވަލުގެ ހަތަރުވަނައިގައި އޮތީ 13 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗުން ބަލިވި ފޯކައިދޫ އޮތީ 15 މެޗުން 20 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.