އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މޮޅަކާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ނިންމާލައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީގެ މައްޗަށް ޔޫވީ ކުރިހޯދީ 4-2ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ޔޫވީ އިންނެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް އެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ނާވީ މުހައްމަދު ޖައްސާލި ބޯޅައެއްގައި އަލީ ހަމްދާން ވަނީ ޓީސީގެ ގޯލު ފޫއަޅުވާލައި ޔޫވީގެ ލީޑު ފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފުގައި ފަރަގު ކުޑަކުރުމަށް ޓީސީ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ ޑިފެންޑަރު މުހައްމަދު ސާދު ނިޒާރު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މެޗުގައި ޔޫވީން ކާމިޔާބުކުރި ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ސިލިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްމާއީލް ޝަފީއު އެވެ.

އޭގެ ފަހުން ޓީސީގެ ފޯވާޑް އިޝާން އިބްރާހީމް އަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު ހުހަށް ހުރެ ސައްޓު ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވި އެވެ. ޓީސީގެ ދެ ވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ 70 ވަނަ މިނެޓުގަ އެވެ. އަކްރަމް އަބްދުލް ޣަނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ސައްޓު އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ޓީސީން އުފެއްދި ހަމަލާއެއްގައި އިސްމާއީލް އީސާ ޔޫވީގެ ގޯލަށް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. މެސީގެ ހަމަލާ ކާމިޔާބުނުވުމުގެ ފައިދާ ނަގައި އޭގެ ހަތަރު މިނެޓު ފަހުން ޔޫވީން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ސިލިޗް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ޖެހީ ހައިޝަމް އެވެ. 4-1 އިން މެޗު ނިމެމުން ދަނިކޮށް ޓީސީން ފަރަގު ކުޑަކުރީ 88 ވަނަ މިނެޓުގައި މެސީ ޖެހި ލަނޑުންނެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔޫވީ ދެވަނަ ބުރު ނިންމާލީ ތާވަލުގެ ހަތްވަނައިގައި އޮވެ އެވެ. ޔޫވީން ވަނީ 16 މެޗުން 16 ޕޮއިންޓް ހަމަކޮށްފަ އެވެ. މިއަދުގެ މެޗުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 14 މެޗުން 25 ޕޮއިންޓާއެކު އެވެ.