އިޓާލިއަން ލީގުގައި ރޭ ޕާމާ ބަލިކޮށް ޗެމްޕިއަން ޔުވެންޓަސް އިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އަމިއްލަ ދަނޑުގައި ޕާމާގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 2-1 އިންނެވެ. ޔުވެންޓަސް އިން އެއްވަނައިގައި ލީޑު ފުޅާކުރީ ދެވަނައިގައި އޮތް އިންޓަ މިލާން ކުޅުނު މެޗުން އެއްވަރު ވުމުންނެވެ. ރޭގެ މޮޅާއެކު ޔުވެންޓަސް ވަނީ 20 މެޗުން 51 ޕޮއިންޓް ހަމަކޮށްފަ އެވެ. އިންޓަ ދެވަނައިގައި 47 ޕޮއިންޓާއެކު އޮތް އިރު ތިންވަނައިގައި އޮތީ 45 ޕޮއިންޓް ހަމަކޮށްގެން ލާޒިއޯ އެވެ. ރޭގެ މެޗުން ބަލިވި ޕާމާ އޮތީ 28 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.

ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ކާމިޔާބުކުރީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އަންދްރެއާސް ކޯނެލިއަސް ޖެހި ލަނޑުން ޕާމާ އިން ނަތީޖާ އެއްވަރު ކުރި ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޕައުލޯ ދިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި މެޗުން ތިން ޕޮއިންޓް ޔުވެންޓަސް އަށް ކަށަވަރުކޮށްދީފަ އެވެ. މިއީ މިސީޒަނުގައި ރޮނާލްޑޯ ކާމިޔާބުކުރި 16 ވަނަ ލީގު ލަނޑެވެ. އިޓަލީ ލީގުގެ ލަނޑު ލިސްޓުގައި ރޮނާލްޑޯ އަށް ވުރެ ކުރީގައި އޮތީ 23 ލަނޑު ޖަހައިގެން ލާޒިއޯގެ ފޯވަޑް ސީރޯ އިމޮބައިލް އެވެ.

ޔުވެންޓަސް އަށް ދެން ކުރިއަށް އޮތީ ކޮޕާ އިޓާލިއާގައި އަންނަ ބުދަ ދުވަހު ރޯމާ އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. އޭގެ ފަހުން ލީގު މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނަޕޯލީ އާއި ދެކޮޅަށް އެޓީމުން ނުކުންނާނެ އެވެ.