ހެލަސް ވެރޯނާ އަތުން ބަލިވެ އިޓަލީ ލީގް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފިއެވެ.

ސެރިއާ އޭ ގައި ރޭ ރަށުން ބޭރުގައި ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ޔުވެންޓަސް ބަލިވީ 2-1 އިންނެވެ. މި މެޗުން ބަލިވި ނަމަވެސް ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ޔުވެންޓަސް އެވެ. އެޓީމުން ވަނީ 23 މެޗުން މުޅިއެކު 54 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތީ 23 މެޗުން 51 ޕޮއިންޓް ހޯދައިފައިވާ އިންޓަ މިލާން އެވެ. މިރޭ ސަން ސީރޯގައި އޭސީ މިލާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ކާމިޔާބުކޮށްގެން ތާވަލުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު އިންޓަ އަށް އެބައޮތެވެ.

ރޭ ވެރޯނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ހޯމް ޓީމުންނެވެ. މިޑްފީލްޑަރު ޑޭވިޑް ފަރުއޯނީ ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރު ޝެޒްނީގެ ހުޝިޔާރުކަމުންނެވެ. މި ހަމަލާއަށްފަހު ޔުވެންޓަސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. ޔުވެންޓަސްގެ ފަރާތުން ފެނުނު ފުރަތަމަ އެޓޭކުގައި ޑަގްލަސް ކޮސްޓާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ދަނޑިއެވެ. އަނެއްކޮޅުން މި ހާފުގައި ވެރޯނާ އިން އުފެއްދި ހަމަލާއެއްގައި އެޓީމުގެ ޑިފެންޑަރު މަރާޝް ކުމްބުލާ ޔުވެންޓަސްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އޮފްސައިޑް ކަމަށް ބުނެ ރެފްރީ ވަނީ އެ ލަނޑު ބާތިލް ކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ލީޑު ނަގަން ކައިރި ކައިރީގައި ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ރޮނާލްޑޯގެ ފުރަތަމަ ހަމަލާ ކީޕަރު މަތަކުރިއިރު ވިހި ޔާޑު ދުރުން ފޮނުވާލި ދެވަނަ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެޓީމު އެއްވަރު ވެގެންނެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހީ ޕައޮލޯ ދިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިދިކޮޅު ގޯލުގެ ތިރީީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. މިއީ ލީގުގައި ޖެހިޖެހިގެން ރޮނާލްޑޯ ލަނޑު ޖެހި 10 ވަނަ މެޗެވެ. ލީގުގައި ކާމިޔާބުކުރި 20 ވަނަ ލަނޑާއެކު އޭނާ ވަނީ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ލާޒިއޯގެ ފޯވަޑް ސީރޯ އިމޮބައިލްއާ 5 ލަނޑަށް ކައިރިކޮށްފައެވެ.

ވެރޯނާ އިން ނަތީޖާ ހަމަހަމަ ކުރީ 76 ވަނަ މިނެޓުގައި މިރަލެމް ޕިޔަނިކް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފޯވަޑް ފަބިއޯ ބޮރީނީ ޖެހި ލަނޑުންނެވެ. މި ނަތީޖާގައި މެޗު އެއްވަރު ވަމުންދަނިކޮށް އެޓީމުން ތިން ޕޮއިންޓް ކަށަވަރުކުރީ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖިއަމްޕައޮލޯ ޕަޒީނީ ޖެހި ލަނޑުންނެވެ. މިއީ ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ ވެރޯނާ އަށް ދިން ޕެނަލްޓީ އެކެވެ.

ޔުވެންޓަސް އަށް ދެން ކުރިއަށް އޮތީ ކޮޕާ އިޓާލިއާގެ ސެމީ ފައިނަލް ފުރަތަމަ ލެގު މެޗުގައި އަންނަ ބުރާސްފަތި ދުވަހު އޭސީ މިލާނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.