ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 60 މެރަތަން ފުރިހަމަކުރި ދުވުންތެރިއާގެ ޝަރަފް ނަސްރުﷲ އަޙްމަދު ހޯދައިފިއެވެ.
އެމްއެންޑީއެފްގައި މަސައްކަތްކުރަމުން އަންނަ ނަސްރު އޭނާގެ 60 ވަނަ މެރެތަން ފުރިހަމަކުރީ މޮސްކޯ ރަނިން މެރެތަނުގައި ވާޗުއަލްކޮށް ބައިވެރިވެގެންނެވެ. އޭނާ މެރަތަން ފުރިހަމަކުރީ 3 ގަޑިއިރު 40 މިނެޓު 15 ސިކުންތުންނެވެ.
މި މެރަތަންގެ ހުރިހާ ކަމެއް ބަލަހައްޓާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންނެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގައި ދުވި ފަހުން ނަސްރު ޖެހި ތިން މެރެތަނެވެ.
މީގެކުރިން ބެންގަލޫރު އިންޓަނޭޝަނަލް މެރެތަންގައި ދުވެގެން ނަސްރު ވަނީ އޭނާގެ 50 ވަނަ މެރަތަން ފުރިހަމަކޮށްފައެވެ. އޭނާ މި މެރެތަން ހަމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން މިއަހަރު އަމާޒު ހިފި 18 މެރެތަންގެ ރެކޯޑު އޭނާއަށް ކާމިޔާބެއް ނުކުރެވުނެވެ.
ދިގު ރާސްތާ ދުވުންތަކުގައި އޭނާ ފާހަގަކޮށްލެވޭއިރު، ނަސްރު ދުވުމުގެ ތެރެއަށް ވަދެފައިވަނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ.