އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިންގްލޭންޑަށް ކާމިޔާބު ކުރެވިދާނެ ކަމަށް އެ ޓީމުގެ ފޯވާޑް ހެރީ ކޭން ބުނެފިއެވެ.
އެންމެފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި އިންގްލޭންޑަށް މުބާރާތުގެ ކުއާޓާފައިނަލާ ހަމައަށް ވެސް ދެވިފައިނުވާއިރު މިފަހަރު އިންގްލޭންޑުން ވޯލްޑް ކަޕާއި ކުރިމަތިލަނީ ފުދޭވަރަކަށް ޒުވާން ސްކޮޑަކާ އެކުއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލޭންޑް ޓީމުގެ ކެޕްޓަންކަން ކުރާނީ ކޭން ކަމަށްވާއިރު އޭނާ ބުނީ ވޯލްޑް ކަޕްގެ ފެވަރިޓުންގެ ތެރޭގައި އިންގްލޭންޑް ނުހިމެނުނު ނަމަވެސް އިންގްލޭންޑަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަންނަށް ވެސް އިނގޭ އިންގްލޭންޑަކީ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ނޫންކަން. އެކަމަކު މި ސީޒަނަށް ބަލާލިއަސް ހީނުކުރާ އެތައް ކަމެއް ވަނީ ހިނގައިގެން ގޮސްފައި. މިސާލަކަށް އެކަކަ ވެސް ހީނުކުރާނެ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފާނެއޭ ވެސް. އަހަރެން ގަބޫލުކުރަން އިންގްލޭންޑަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް. އެކަން ހާސިލު ކުރުމަށް ކުޅުންތެރިން މަސައްކަތް ކުރާނެ" ކޭން ބުންޏެވެ.
އިންގްލޭންޑުގައި ޒުވާން ސްކޮޑެއް އޮތުމަކީ އުޒުރު ދައްކަންޖެހޭ ކަމެއް ނޫން ކަމަށާއި ވޯލްޑް ކަޕް ކާމިޔާބު ކުރުން ފިޔަވައި ދެން ނިކުންނަ ކޮންމެ ނަތީޖާއަކީ ވެސް އިންގްލޭންޑަށް ރަނގަޅު ނަތީޖާއަކަށް ނުވާނެ ކަމަށްވެސް ޓޮޓެންހަމް އަށް ކުޅެމުން އަންނަ ކޭން ބުންޏެވެ.
ވޯލްޑް ކަޕްގައި އިންގްލޭންޑް މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ޖީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް އާއި ޓިއުނީޝިއާގެ އިތުރުން ޕެނަމާއެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.