ވިޔަފާރިވެރިއަކު އިސްނަގައިގެން ތ. މަޑިފުށީ އަންހެންނުންގެ މެދުގައި ބާއްވާ ވޮލީބޯޅަ މުބާރާތުގެ އިއްޔެގެ މެޗުތަކުން ފެނަކަ ޓީމާއި ރަށު ކައުންސިލްގެ ޓީމް މޮޅުވެއްޖެއެވެ.

މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުން ފެނަކަ މޮޅުވީ ރަށު ސްކޫލާ ވާދަކޮށް 3-2 ސެޓުން ކުރިހޯދައިގެނެވެ.

ފުރަތަމަ ސެޓު 17-25 އިން ފެނަކަ ކާމިޔާބުކުރިއިރު ދެވަނަ ސެޓު ކާމިޔާބުކުރީ ސްކޫލް ޓީމެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ސެޓް 22-25 އިން ފެނަކަ ކާމިޔާބުކުރި އިރު ފަސޭހަކަމާއެކު ހަތަރުވަނަ ސެޓު ސްކޫލް ކާމިޔާބުކުރީ 16-25 އިންނެވެ. އަދި ނަތީޖާނެރުމަށް ކުޅުނު ފަސްވަނަ ސެޓު 8-15 އިން ކާމިޔާބުކުރީ ފެނަކަ ޓީމެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ އައިޝަތް ސޮފާއެވެ.

އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗް ކައުންސިލްގެ ޓީމް ކާމިޔާބުކުރީ ޕޮލިސް ޓީމާ ވާދަކޮށް ސީދާ ތިންސެޓުންނެވެ. މިމެޗުގެ ސެޓުތައް ކައުންސިލް އިން ގެންގޮސްފައިވަނީ 18-25، 14-25 އަދި 9-25 އިންނެވެ. މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ސައީދާއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތް ޓީމާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ ޕޮލިސް ޓީމެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަޒިއްޔާއެވެ.

މި ނަތީޖާތަކަށްފަހު ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އޮތީ ކައުންސިލްގެ ޓީމެވެ. ދެވަނައިގައި ފެނަކަ އޮތްއިތު ތިންވަނައިގައި އޮތީ ސްކޫލްގެ ޓީމެވެ. އަދި ހަތަރުވަނައިގައި ހެލްތް އޮތްއިރު ފުލުގައި އޮތީ ޕޮލިސް ޓީމެވެ.