މެސީއަކީ ބާސެލޯނާގެ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކެރިއަރު ނިންމުން އެންމެ ރަނގަޅީވެސް އެ ކުލަބުގައި ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީއާއެކު އިތުރު ދެ އަހަރު މަޑުކުރުމަށް ނިންމާ އެއްބަސްވުން އާކުރުމަށްފަހު މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ގާޑިއޯލާ ވަނީ މެސީ ސިޓީއާއި ގުޅޭނެކަމަށް ބުނެ ދެކެވޭ ވާހަކަތަށް ރައްދުދީފައެވެ. ގިނަބަޔަކު ބުނާގޮތުގައި މެސީއާއި ސިޓީ ގުޅުވައިދޭ އެކަކަކީ ގާޑިއޯލާއެވެ.

ގާޑިއޯލާ ބުނީ މެސީއަކީ ބާސެލޯނާގެ އުފެއްދުމެއް ކަމަށާއި އެ ކުލަބުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ބޭނުންވަނީ އެ ކުލަބުގައި ކެރިއަރު ނިންމާލުމަށް ކަމަށެވެ. ނަމަވެސް މި ސީޒަން ނިމުމަށްފަހު ކޮންޓްރެކްޓް ހަމަވާތީ އެކަމާއި ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށާއި ގޮތް ނިންމާނީ މެސީ ކަމަށް ގާޑިއޯލާ ބުންޏެވެ.

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަ ވިންޑޯގައި މެސީ ވަނީ ޓީމުން ވަކިވުމަށް އެދި ބާސާގައި އެދިފައެވެ. އަދި މެސީ އޭނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ކޯޗުކަންކޮށްދޭ ޕްރިމިއަ ލީގުގެ މެންޗަސްޓަ ސިޓީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ނަމަވެސް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެ އެންމެ ފަހުން މެސީ ވަނީ އޭނާ އެޓީމު ދެކެ އެންމެ ލޯބިވާ ބާސެލޯނާ ގޮވައިގެން ކޯޓަށްދާން ބޭނުންނުވާ ކަމަށްބުނެ ޓީމުގައި އަދި އިތުރު އެއް ސީޒަން މަޑުކުރުމަށް ނިންމައިފައެވެ.

މެސީއަށް އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ޓީމު ދޫކޮށްލުމުގެ ފުރުސަތު ލިބޭއިރު އޭނާ ގުޅުން އެެންމެ ގާތީވެސް މެންޗަސްޓަރ ސިޓީއާއި ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސިޓީންވެސް ދަނީ އަންނަ އަހަރުގެ ޓްރާންސްފަރ ވިންޑޯގައި މެސީގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންނެވެ.