ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ މުސާރަ ޖަމާވާ ދުވަހު ގައުމީ ޓީމުތަކަށް ކުޅެމުންދާ އެތްލީތުންގެ އެލަވަންސް ފައިސާ ޖަމާވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިވަގުތު މަހްލޫފް ހުންނެވީ އެމްއެމްޕީއާރްސީ ގެ ހިޔާނާތުގެ ފައިސާގެ މައްސަލައިގައި ޕީޖީން އަމަލުކުރާނެ ގޮތެއް ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ. މިގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މަހުލޫފް ކުރެއްވި ޓްވީޓެއްގައިވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އެލަވަންސްތައް ބަރާބަރަށް ގަވާއިދުން ލިބުމުގެ މައްސަލަ އަށް ހައްލު ހޯދާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ޤައުމީ ޓީމު ކުޅުންތެރިންގެ ފަރާތުން ލިބުނު އެންމެބޮޑު އެއް ޝަކުވާއަކީ އެލަވަންސް މަހުން މަހަށް ނުލިބި ލަސްވާ މައްސަލަ، 6 މަސް ވެސް ލަސްވެފަ އެބަހުރި. ނަމަވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ކުޅުންތެރިންގެ އެލަވަންސްވެސް އޭޕްރީލް މަހުން ފެށިގެން މިހާރުޖަމާވާނެ" މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޤައުމީ ޓީމު ކުޅުންތެރިންގެ ފަރާތުން ލިބުނު އެންމެބޮޑު އެއްޝަކުވާއަކީ އެލަވަންސް މަހުންމަހަށް ނުލިބި ލަސްވާމައްސަލަ،6 މަސް ވެސް ލަސްވެފަ އެބަހުރި.
ނަމަވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ކުޅުންތެރިންގެ އެލަވަންސްވެސް އޭޕްރީލް މަހުން ފެށިގެން މިހާރުޖަމާވާނެ. pic.twitter.com/wc4eBTNOzP
— Ahmed Mahloof (@AhmedMahloof) June 13, 2021
މީގެ ކުރީގެ ސަރުކާރުގައި ރާއްޖޭގެ އެތްލީތުންނަށް އެލަވަންސް ދިނީ ތަފާތު ގިންތިތަކަށް ބަހާލައިގެންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ގިންތިތައް އުވާލާ އެއްހަމަކޮށްފައެވެ.
މިހާރު އޮތް ގޮތުން ގައުމީ އެތްލީޓަކަށް މަހެއްގެ މައްޗަށް 5000 ރުފިޔާގެ އެލަވަންސެއް ލިބިގެންދާނެ އެވެ. އެއީ ވަކި ކުޅިވަރެއް ތަފާތުކުރުމެއް ނެތިއެވެ.
މަހެއްގެ މައްޗަށް ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް މަހްލޫފް ވަނީ މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ކުޅުންތެރިންނަށް އެ ދޭން އޮންނަ ދުވަހު އެލަވަންސް ޖަމާވާނީ ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަންތަކުން ޔޫތު މިނިސްޓްރީ އަށް ލިސްޓު ފޮނުވުމުންނެވެ.
ލާރި ތަޅާނެ ގޮތެއް ނޭނގިގެން ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގަ ތަޅަނީ