ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި އަހުމަދު ނިޔާޒް މޫސާ (ޓެޑް) ނުފެންނަ ދިމާލެއް ނެތެވެ. ކުލަބުގެ މުހިއްމު ކާމިޔާބީތަކުގެ ފަހަތުގައި ކޮންމެވެސް އެއްގޮތަކަށް އޭނާގެ ރޯލެއް ވެއެވެ. އެ ހުރިހާ ކާމިޔާބީތަކުގެ ތަޖުރިބާއިން އޭނާއަކީ މިހާރު އުފަން ރަށް ހއ.މުރައިދޫގައި ކާމިިޔާބުކަމާއެކު ހިންގާ "ނިޔާ އެކަޑަމީ" ގެ މޭސްތިރިޔާއެވެ.

އަހުމަދު ނިޔާޒް މޫސާ (ޓެޑް) އަކީ ނިއުގެ ކޯޗަކަށް މޫސާ މަނިކު (ކުޑަމޫސަ) ހުރި އިރު އެ ކްލަބަށް ކުޅެން 1999 ވަނަ އަހަރު ގެނައި ކުޅުންތެރިޔެކެވެ. އެކަމަކު ސިފައިންގެއަށް ވަންނަން ޖެހުމުން ކުޅުމާ ދުރަށް ދާން ޖެހުނީ އެވެ. ސިފައިންގެއަށް ވަނުމުން އޭނާގެ ފުޓުބޯޅަ ހަޔާތް އެއްކޮށް ނިންމާލަން ޖެހުމުން ކަންވީ އެހެން ގޮތަކަށެވެ.

ޓެޑުގެ އަތުގައި ނަސީބު ހިފީ އޭރު ސިފައިންގޭގައި އުޅެނިކޮށް އުމުރުން 22 އަހަރުގައި ލިބުނު އޭއެފްސީ "ސީ" ލައިސަންސް ކޯޗިން ކޯހުންނެވެ. މެލޭޝިއާގެ އިންސްޓްރަކްޓަރެއް ކަމަށްވާ ލިމްގެ އިރުޝާދުގެ ދަށުން މި ކޯސް ކާމިޔާބުކަމާއެކު ނިންމާލިއެވެ. މި ކޯހުން އެންމެ ރަނގަޅު ވަނަ ހޯދާ ދެ ކޯޗަކަށް އޭރު ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެން އޮތެވެ. ކަން ދިމާކުރި ގޮތުން ޓެޑް އަކީ އޭގެތެރެއިން އެކަކެވެ.

ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުގެ އޭރުގެ ހެޑް ކޯޗަކީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި ބޮޑެތި އެހީތަކެއް ވެދިން އެކަކު ކަމަށްވާ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ޓެޑްގެ ކިބައިގައި އެ ހުނަރު ހުރިކަން އެންމެ ފުރަތަމަ ފާހަގަވި ދިވެހި ކޯޗަކީ މޯހަން އެވެ. އޭގެފަހުން އޭނާ ވަނީ ދިވެހި ސިފައިންގެ ކުލަބާއެކު ތިންވަނަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް އެރިއިރު އޭރު އެ ޓީމުގެ ކޯޗުކަންކުރި އިހުސާން އަބްދުލްޢަނީ (ސާންތި) ގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ސާންތި އަކީވެސް ޓެޑްގެ ކެރިއަަރުގައި މުހިއްމު އެކަކެވެ. ކާމިޔާބު ކެރިއަރުގައި ސާންތި ގެ ތަޖުރިބާއިން ވެސް ޓެޑްގެ ކެރިއަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ.

މި ތަޖުރިބާތަކުގެ އަލީގައި އޭނާ ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކުލަބުގެ ހުރިހާ ޓީމެއްގައި މަސައްކަތްކުރުމުގެ އިތުރުން ކުލަބުގެ 21 އަހަރުންދަށުގެ ޓީމާއި ވެޓަރަންސް ޓީމުގެ އިތުރުން އަންހެން ޓީމު އަދި 2017 އިން ފެށިގެން ކުލަބުގެ ޖެނެރަލް ސެކްރެޓަރީކަން ކުރި ހަމައެކަނި މީހާގެ ހަމައެކަނި މީހަކީ ޓެޑް އެވެ.

ނިއުގެ ވެޓެރަންސް ޓީމާއެކު ޓެޑް

މީގެއިތުރުން ވެސް ޓެޑް ވަނީ ރާއްޖޭގެ ގިނަ ރިސޯޓުތަކަކާއި މިނިވަން 50 ޗެމްޕިއަންޝިޕުގައި އެކި ޓީމުތަކުގެ އިތުރުން ކުލަބް މޯލްޑިވްސް ކަޕުގައި ވެސް ގިނަ ކުލަބުތަކަކަށް ކޯޗުކަންކޮށްދީފައެވެ. ޓެޑުގެ ކާމިޔާބު ކޯޗިން ކެރިއަރުގެ ހެއްކަކީ މިހާތަނަށް އޭނާ ހޯދާފައިވާ ރަންވަނަތަކެވެ. ޖުމްލަ 13 ގޯލްޑް މެޑަލް ނުވަތަ ތަށި އޭނާގެ ކޯޗުކަމުގެ ދަށުން ވަނީ ހޯދާފައެވެ.

ރިސޯޓު މުބާރާތުގެ ޗެމްޕިއަންކަން ސަން އައިލޭންޑް ރިސޯޓު ހޯދި ޓީމުގެ ކޯޗު ނިޔާ ތަށި އުފުލާލަނީ

ކޯޗިން ކެރިއަރުގެ ތަޖުރިބާއާއެކު "ނިޔާ އެކަޑަމީ"!

ފެށުނީއްސުރެއް ވެސް ޓެޑް އަކީ މުޖުތަމައުއަށް ހިދުމަތްތަކެއް ކޮށްދިނުމުގެ ވިސްނުމުގައި ހުރި މީހެކެވެ. އަދި ކުޅުންތެރިން ބިނާކުރުމަކީ ޓެޑް އަބަދުވެސް ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. އެ ހުވަފެންތަކުގައި ކުލަޖައްސަން ޓެޑް ބޭނުންވީ ފެންވަރު ރަނގަޅު އެކަޑަމީއެއް އުފެއްދުމަށެވެ. އެއީ ބުރަ ބޮޑު މަސައްކަތެއް ނަމަވެސް ޓެޑްގެ ތަޖުރިބާތަކުން އެންމެ ފުރަތަމަ މަސައްކަތްކުރީ އަތޮޅުގެ އާބާދީ ބޮޑު ރަށެއްގައި އެކަން ފެށުމަށެވެ.

ބޮޑު އާބާދީއެއްގައި ފަށަން މަސައްކަތްކުރި ނަމަވެސް ފަހުން ވިސްނުން އައި އަމިއްލަ ރަށްކަމަށްވާ ހއ. މުރައިދޫގައި އެކަޑަމީގެ ހަރަކާތްތައް ފެށުމަށެވެ. އެސްޓީއޯގެ "ނިޕޯން ޕެއިންޓްސް" ގެ އެހީއާއެކު އަމިއްލަ ރަށުގައި 2019 ވަނަ އަހަރު ޖުމްލަ 87 ކުދިންނާއެކު އެކަޑަމީގެ ހަރަކާތްތައް ފެށިއެވެ.

ނިޔާ އެކަޑަމީގެ ކުދިންތަކެއް

"މުޖުތަމައުއަށް ކުޅިވަރަކީ މުހިއްމު އެއްޗެއްކަން އަބަދުވެސް ވިސްނަން، ވަރަށް ބޮޑަށް ބޭނުންވި ކުދިން އުފައްދަން، ފެށުނީއްސުރެ އަޅުގަނޑަކީ ޑިސިޕްލިންއަށް ބަލައިގެން ރަނގަޅު ޖީލެއް ބިނާކުރަން އަބަދުވެސް ބޭނުންވާ މީހެއް، ކުދިން ބިނާކުރަން ބޭނުންނަމަ އެކަޑަމީއެއް އުފައްދައިގެން ނޫނީ އެކަން ނުކުރެވޭނެ، އަމިއްލަ ރަށުގައި އާބާދީ ކިތަންމެ ކުޑަޔަސް ވަރަށް ކާމިޔާބުކަމާއެކު އެކަޑަމީގެ ކަންކަން ކުރިޔަށްދޭ" ނިޔާ ބުންޏެވެ.

މިހާރު އެ އެކަޑަމީގައި ޖުމްލަ 117 ކުދިން ތިބެއެވެ. އެއީ 53 އަންހެން އަދި 64 ފިރިހެން ކުދިންނެވެ. މި ކުދިންތަކަކީ 5 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނެވެ. މިހާރު އެކަޑަމީ ކުރިޔަށްދަނީ 6 އަހަރުންދަށް، 8 އަހަރުންދަށް، 10 އަހަރުންދަށް، 13 އަހަރުންދަށް އަދި 16 އަހަރުންދަށުގެ އުމުރުފުރާއާއެކު އެވެ.

ނިޔާ އެކަޑަމީގެ ކުދިންތަކެއް

މީގެއިތުރުން އެ އެކަޑަމީން ވަނީ އެ ރަށަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި ރަށުގެ ސީނިއާ އަންހެން ފުޓުބޯޅަ ޓީމެއް އެކުލަވާލާފައެވެ. މިއީ އެ އެކަޑަމީގެ ސީއެސްއާރު ގެ ދަށުން ރަށަށް ކޮށްދިން ކަމެއްގެ ގޮތުގައި ޓެޑް ފާހަގަކުރެއެވެ. މިއަދު އެ ޓީމަކީ މުޅި އަތޮޅުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ޓީމެކެވެ. ބޮޑެތި އާބާދީތައް ހިމެނޭ ރަށްތަކެއް ވަނީ ބަލިކޮށްފައެވެ. މިއީ ރަށުގައި އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވި ދެ ފުޓްސަލް މުބާރާތުން ނެގި ކުޅުންތެރިންތަކަކާއި އެކު އެކުލަވާލި ޓީމެކެވެ.

މުރައިދޫގެ އަންހެން ފުޓްސަލް ޓީމު

ޓެޑްގެ މި އެކަޑަމީއާއެކު މުރައިދޫއަކީ މިހާރު ފުޓުބޯޅައަށް ބޮޑު ޝައުގެއް އޮތް ރަށެކެވެ. ރަށުގެ ރައްޔިތުންނާއި އެކަޑަމީގައި ހަރަކާތްތެރިވާ ކުދިންގެ ބެލެނިވެރިންނާއި ރަށުގެ މުއައްސަސާާތަކާއި ކައުންސިލްގެ ފަރާތުން މިކަމަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ. ޓެޑް ފާހަގަކުރާ ގޮތުގައި މިއީ އެ އެކަޑަމީ ކާމިޔާބުކަމާއެކު ކުރިޔަށްދާ އެންމެ ބޮޑު އެއް ސަބަބެވެ.

ނިޔާ އެކެޑަމީގެ ދަރިވަރުން ފަރިތަކުރުންތަކުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަޑަމީގައި އުޅޭ ކުދިންގެ އަތުން ނަގަނީ އެއް ކުއްޖެއް ނަމަ 200 ރުފިޔާއެވެ. އަދި ބެލެނިވެރިއެއްގެ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބޭ ނަމަ ކުއްޖަކަށް 150 ރުފިޔާއެވެ. މި އެކަޑަމީގެ ސެޝަންތައް ކުރިޔަށްގެންދަނީ ދެ ތަނެއްގައެވެ. އެއީ ރަށުގެ ފުޓުބޯޅަ ދަނޑާއި ފުޓްސަލް ދަނޑުގައެވެ. ނަމަވެސް މިހާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްކުރާތީ އެކަޑަމީގެ ހަރަކާތްތައް ވަގުތީގޮތުން ކުރިޔަށްގެންދަނީ ފުޓްސަލް ދަނޑުގައެވެ. ނަމަވެސް އަމާޒަކީ ޓާފް ދަނޑު އެޅުމުން އެކަޑަމީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމެވެ.

ނިޔާ އެކެޑަމީގެ ދަރިވަރުން ފަރިތަކުރުންތަކުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި އެކަޑަމީގެ ކާމިޔާބީއާއެކު ކައިރި އެހެން ރަށްރަށުގައިވެސް އެކަޑަމީގެ ހަރަކާތްތައް ހިންގުމުގެ ދައުވަތު ލިބެއެވެ. އެކަމަށް އެދި އެތަކެއް ރަށަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ޓެޑް ދެކޭގޮތުގައި މިއީ ބުރަ އަދި އުނދަގޫ މަސައްކަތެކެވެ. އެކަމަށް ހުސްވެގެން ނޫނީ ނުކުރެވޭނެ ކަމެކެވެ. އެހެންކަމުން ޓެޑުގެ އެންމެ ބޮޑު ވިސްނުމަކީ އަމިއްލަ ރަށުގައި ކޮލިޓީގައި އެކަޑަމީގެ މަސައްކަތް ކުރިޔަށްގެންދިއުމެވެ.

ހުސެން ނިޔާޒް މޫސާ ވަގުތަށް މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މާޒިޔާއިން ފަސް ރަށެއްގައި އެކަޑަމީ ހިންގާ، ނިއުރޭޑިއަންޓުން ލާމު އެކަޑަމީ، ދިއްދޫގައި ބަކާ އެކަޑަމީ ކުރިޔަށްދޭ، އަޅުގަނޑަށް ފެންނަނީ ހޮޅުދޫ އެކަޑަމީ އެކަނި ރަނގަޅަށް ކުރިޔަށްދާތަން، އެކަން ކުރާ މީހާ އެތަނުގަ ނުހުރެ އެކަން ކުރަން އުނދަގޫވާނެ، އެހެންވެ ފުރަތަމަ ވިސްނުމަކީ މި ރަށުގައި ރަނގަޅަށް މިކަން ކުރަން، ކޮށްފަ ނޫނީ އެހެން ތަނެއްގައި ނުކުރަން" ޓެޑް ބުންޏެވެ.

ނިޔާ އެކަޑަމީއަކީ މިހާރު ހަމައެކަނި ފުޓުބޯޅަ އެކަޑަމީއެއް ނޫނެވެ. މިހާރު އެއީ ވޮލީބޯޅައަށް ވެސް ހާއްސަ އެކަޑަމީއެކެވެ. އަދި މުޅި ރަށުގެ މަންފާއަށްވެސް މަސައްކަތްކުރާ އެކަޑަމީއެކެވެ. އެގޮތުން އެކަޑަމީން އިންތިޒާމުކޮށްގެން ގުރުއާން މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ނިޔާއަކީ ހުސްއަރިބައި ކުއްޖެއް ތޯ
    ހަމައަހާލީ

    4
    1
  2. 🥰

    ލަމްޝާ ❤️

  3. 🥰

    ޒިއުނާ ❤️

  4. ޑައިވަރޭ

    އައިންތު ❤️❤️❤️