ކުޑަކުދިންނަށް އަމާޒުކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް 2021" ގެ ނަމުގައި ހާއްސަ ވޮލީބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ކޭމްޕުގެ މަގުސަދަކީ ކުޑަކުދިން ވޮލީބޯޅައަށް ޝައުގުވެރިކުރުމާއި، އެ ކުދިންނަށް ވޮލީބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި ކޭމްޕުގައި އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި ކޭމްޕުން ފުރުސަތުދޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 40 ފިރިހެން ބައިވެރިން އަދި 40 އަންހެން ބައިވެރިން ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ ހަތެއްވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީން ބުނީ މި ކޭމްޕް ކުރިއަށް އޮތްތަނުގައިވެސް މެދު ކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށާއި، އަދި ވޮލީބޯޅަ ނޫން އެހެން ކުޅިވަރުތަކުގެ ކޭމްޕުތައްވެސް ކުރިއަށް އޮތްތަނުގައި ބޭއްވިގެންދާނެ ކަމަށެވެ.

މިފަހަރުގެ ކޭމްޕު ބޭއްވިގެންދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި، އެގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި، ޕޮލިސް ކުލަބު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.