ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ މުސާރަ ނުދޭ ވާހަކަ އެއިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ދޮގުކޮށްފި އެވެ.

ޖަވާ މިހެން ވިދާޅުވީ "މިހާރު" ނޫހުގައި އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސްވެއްޖެ ކަމަށް ބުނި ވާހަކައަށް ރައްދުދެއްވަމުންނެވެ.

މިކަމަށް ރައްދުދެއްވާ މީސްމީޑިއާގައި ޖަވާ ވިދާޅުވީ މުސާރަ ނުދޭ އެއްވެސް މުވައްޒަފަކު އެފްއޭއެމްގައި ނުހުންނާނެ ކަމަށެވެ.

ޖަވާ ވިދާޅުވީ ނޮވެމްބަރު މަހުގެ މުސާރަ ދިނުމުގައި ކުޑަ ތާށިކަމެއް އުޅުނު ކަމަށާއި ލަސްވާ ސަބަބު މުވައްޒަފުންނަށް ގަވާއިދުން އަންގަމުންދިޔަ ކަމަށެވެ.

"ފަންޑް ޓްރާންސްފަރ ތަކުގެ ސަބަބުން ނޮވެމްބަރުގެ މުސާރަ ލަސްވި، އަދި އެކަން ދިޔައީ މުވައްޒަފުންނަށް އަންގަމުން، މި ދުވަހާއި ހަމަޔަށް ޔަގީންކަންދެން ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ މުސާރަ އެފްއޭއެމްގެ މުވައްޒަފުންނަށް ދީފައިވާކަން" ޖަވާގެ ޕޯސްޓުގައިވެއެވެ.

މިިހާރު ނޫހަށް ފާޑުވިދާޅުވަމުން ޖަވާ ވިދާޅުވީ މިއީ ވަކި ނޫހަކުން އެފްއޭއެމުގެ އަގު ވައްޓާލާ ހަގީގަތާއި ހިލާފު ވާހަކަތަކެއް ދެއްކުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މިއީ ދިވެހި ފުޓުބޯލަ އާއިލާއިން ވަކި ނޫހަކާ މެދު ހިތްހަމަ ނުޖެހޭ ސަބަބުކަމަށް ވުން ގާތްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ ނޫސްވެރިކަމެއް ނޫން ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

ޖަވާ މިހެން ވިދާޅުވިއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ ދާދިފަހުން މިހާރު ނޫހުން ފުޓުބޯޅަ ކުލަބުތަކަކީ ގޭންގުތަކެއްގެ ގޮތުގައި ސިފަކުރުމުން އެކަން ކުށްވެރިކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައްޒާބު

    ބަލަ މުސާރަ ދިނީ މިހާރުގެ އެވާހަކަ ޖެހި ފަހަކުން ނޫންތަ؟ ދެމަހުގެ މުސާރަ ދިނީ އެއްކޮން. އެހެންވީމަ ވަރަށް ރަނގަޅަށް މުސާރަ ދެވިއްޖެއެއްނު. މީނަޔަށާ މީނަގެ އަނބިގޮއްޔެއަށް ބަރާބަރަށް މުސާރަދިން ވާހަކަ އެބުނީ