ޓީމު މެނޭޖްކުރާ ގޮތާމެދު ހިތްހަމަނުޖެހިގެން ޗެލްސީ ކުޅުންތެރިން އޭނާ ދެކެ ރުޅި އަޔަސް ފަރުވާލެއް ނެތް ކަމަށް އެ ޓީމުގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް މިހެން ބުނެފައިވަނީ ޗެލްސީ ކުޅުންތެރިންގެ ޗުއްޓީ ދުވަހުގައި ކުޅުންތެރިން ލައްވައި ޓްރެއިނިން ސެޝަންތަކެއް ކުރިއަށްގެންގޮސްފައި ވަނިކޮށެވެ. ފަހަކަށް އައިސް ޗެލްސީގެ ފޯމް ދަށްވެ ލީގުގެ ތިންވަނަ މަގާމް ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައެވެ. އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

" އަހަރެން ޓީމު މެނޭޖްކުރާ ގޮތުން ބައެއް ކުޅުންތެރިން ހިތްހަމަނުޖެހިދާނެ. އެކަމާ ފަރުވާލެއް ނެތް. އަބަދުމެ އެންމެންގެ ލޯބި ހޯދައިގެން އެންމެ ޓޮޕް ލެވެލްގެ ކޯޗަކަށް ނުވެވޭނެ. މިވަގުތު އަހަންނަކީ ޓީމު ތެރޭގައި އެހާ މަގުބޫލު މީހަކަށް ނުވެދާނެ. އަހަންނަށް ވެސް ޗުއްޓީ ދުވަހެއް ބޭނުންވޭ. އެހެން މީހުންނެކޭ އެއްފަދައިން އަހަރެން ވެސް ހުރި ކަންތައްތަކެއް ރާވާފައި. އެކަމަކު ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުވަން ކޮންމެހެން ގެންނަން ޖެހުނީމަ ކުޅުންތެރިން ގެނައީ، " ޓުޗެލް ބުންޏެވެ.

މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ފްރޭންކް ލަމްޕާޑު މަގާމުން ވަކިކޮށް ޗެލްސީގެ ކޯޗަކަށް ގެނައި ޓުޗެލް ވަނީ އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަނުގެ ފޯމް މިސީޒަނުގައި ތަކުރާރު ނުވި ނަމަވެސް ތައްޓަކާއެކު ސީޒަން ނިންމާލުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ. އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ޗެލްސީ މި ހަފުތާ ބަންދުގައި ނުކުންނާނެ އެވެ.