އިންގްލެންޑުގެ ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ އަށް ބޮޑު މުސާރައަކާއެކު ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ބާސެލޯނާ އިން ތައްޔާރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާ އޮތީ އަޒްޕިލިކުއެޓާ، 32، އަށް އަހަރަކު 14 މިލިއަން ޑޮލަރު ދޭން ތައްޔާރަށެވެ. ބޮޑު މުސާރައެއް ދޭން ބާސާ އެއްބަސްވި ނަމަވެސް ލަލީގާ އިން އެ ކްލަބުގެ މައްޗަށް އަޅާފައިވާ ފައިނޭންޝަލް ފެއާ ޕްލޭގެ ރެސްޓްރިކްޝަންސްތަކާ ހެދި ޗެލްސީން އޭނާ ގަތުމަށް އެ ކްލަބަށް މާ ބޮޑު ޓްރާންސްފާ ފީ އެއް ދެއްކުމުގެ ފުރުސަތެއް ބާސާ އަކަށް ނޯންނާނެއެވެ.

ލަލީގާ އިން ބާސާ އަށް އަޅާފައިވާ މި ފިޔަވަޅުތަކަކީ ބޮރޫޝިޔާ ޑޯޓްމަންޑުން އިންގްލެންޑުގެ މެންޗެސްޓަ ސިޓީ އަށް ދާދި ފަހުން ބަދަލުވި ނޯވޭގެ ތަރި އާލިންގް ހާލަންޑުގެ ސޮއި ހޯދަން ވެސް ބާސާ އަށް އެދެވޭ ގޮތެއްގައި ވާދަ ނުކުރެވުމުގެ މައިގަނޑު ސަބަބެވެ. ހާލަންޑަކީ ބާސާގެ ޓްރާންސްފާ ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިއެކެވެ.

ލަލީގާ އިން އަޅާފައިވާ ފިޔަވަޅުތަކާ ހެދި އިތުރު ކުޅުންތެރިންތަކެއް ނުވިއްކައި ބޮޑު އަގުގައި ކުޅުންތެރިން ގަތުމުގެ ފުރުސަތެއް ބާސާ އަކަށް ނެތެވެ.

އަޒްޕިލިކުއެޓާ އަށް ބާސާ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ޗެލްސީގެ ސެންޓަ ބެކް އަންދްރެއަސް ކްރިސްޓެންސަން ވަނީ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ކޭމްޕް ނައު އަށް ބަދަލުވާން އެއްބަސްވެފައެވެ. އަނެއްކޮޅުން ޗެލްސީގެ ޑިފެންސްގައި މިދިޔަ ދެ އަހަރު އެންމެ ރަނގަޅަށް ޕަފޯމް ކުރި ޖަރުމަނުގެ އެންޓޯނިއޯ ރުޑިގާ ވެސް މި ސީޒަނަށްފަހު ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން ވަނީ އެއްބަސްވެފައެވެ.