ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އުވާލައިފިއެވެ.

މިއަދު ބޭއްވި އެފްއޭއެމް ކޮންގްރެސްގައި ވިކްޓްރީގެ ސަސްޕެންޝަން އުވާލަން ނިންމީ ކޮންގްރެޒްއަށް ހާޒިރުވެ ތިބި ކްލަބްތަކުގެ އިއްތިފާގުންނެވެ.

އެފްއޭއެމް އިން ވިކްޓްރީ ސަސްޕެންޑުކުރީ 2019 ވަނަ އަހަރެވެ. އެއީ ކުޅުންތެރިންނާއި، ކޯޗުންނަށް މުސާރަ ނުދޭ މައްސަލައިގެ އިތުރުން ކްލަބް ލައިސަންސިންގެ މައްސަލައިގައެވެ.

ނަމަވެސް، ވިކްޓްރީން ވަނީ އެ ކްލަބުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ދެއްކުމަށް މިދިޔަ މަހު ފަހުކޮޅު އެފްއޭއެމްއާ ހަވާލުކޮށްފައެެވެ. އެގޮތުން އެފްއޭއެމް އިން އަންނަނީ ކުޅުންެތެރިންނަށް ދޭން ޖެހޭ ފައިސާތައް ދައްކަމުންނެވެ.

ވިކްޓްރީ އެނބުރި އައިސްފައި މިވަނީ އެ ކްލަބުގެ އާ އިންތިހާބެއް މިދިޔަ އެޕްރީލް މަހު ބޭއްވުމަށްފަހު، އެ ކްލަބުން އެކުލަވާލި ޕްލޭންގެ ދަށުންނެވެ. މިގޮތުން އެ ކްލަބުން ވަނީ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޓީމެއް އެކުލަވާލައި، މުބާރާތަށް ތައްޔާރުވަމުންނެވެ.