ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު ނިއުރޭޑިއަންޓް މީގެ ތިން އަހަރެއްހައި ދުވަސް ކުރިން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރަން ނިންމާފައި އޮތް ނިންމުން، ނިމުމަކަށް ގެނެސް ނިއު ރޭޑިއަންޓް ސްޕޯޓްްސް ކްލަބްގެ ސަސްޕެންޝަން، އެފްއޭމުން މިރޭ އުވާލައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ އެކްސްކޯ އަށް، އެ އެސޯސިއޭޝަންގެ ކޮންގްރެސްއިން މިދިޔަ މަހު ދީފައިވާ ވަގުތީ ބާރުގެ ދަށުން ނިއުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.

ނިއުގެ ސަސްޕެންޝަން އުވާލުމަށް އެކްސްކޯއިން ނިންމީ، އެ ކްލަބުން މުސާރަ ނުދޭތީ އެފްއޭއެމް އަށް މައްސަލަ ހުށަހެޅި ކުޅުންތެރިން، އެ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ސޮއި ކޮށްފައިވާ ސެޓިލްމެންޓް އެގްރިމެންޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އެވެ.

ނިއުގެ ސަސްޕެންޝަން އުވާލަން އަންގާރަ ދުވަހު ވެސް އެފްއޭއެމްގެ އެސްކޯގައި ތާވަލް ކުރިއެވެ. ނަމަވެސް އެދުވަހުގެ ބައްދަލުވުމުގައި ވަކިގޮތެއް ނުނިންމުނީ ނިއު އިން ކުޅުންތެރިންނާއިއެކު ހަދާފައި އޮތް ސެޓްލްމެންޓް އެގްރީމެންޓްތަކުގެ ސައްހަކަން ކަށަވަރު ނުކުރެވި އޮތުމުންނެވެ.

ގާތްގަނޑަކަށް 10 ކުޅުންތެރިންނާއެކު ސެޓްލްމެންޓް އެގްރިމެންޓް ހެދުމަށް ފަހު އެ ކުޅުންތެރިންގެ ސިޓީތައް ނިއު އިން އެފްއޭއެމަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.

ނިއު ސަސްޕެންޑް ކުރީ ޖެނުއަރީ 2019 ވަނަ އަހަރުއެވެ. އެ ކްލަބަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް މުސާރަ ދީފައި ނުވުމުން އެފްއޭއެމް އިން އެކްލަބް ސަސްޕެންޑް ކުރިފަހުން އެ ކްލަބަށް ކުޅުނު ބިދޭސީ ކުޅުންތެރިންނާއި އެ ކްލަބަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒަށް މުސާރަ ދީފައި ނުވުމުން ފީފާއިން ވެސް ވަނީ، އެ ކްލަބާ ދެކޮޅަށް ޓްރާންސްފާ ބޭންގެ ފިޔަވަޅު އަޅައިފަ އެެވެ. ފީފާ އަށް މައްސަލަ ހުށަހެޅި ކުޅުތެރިންނާއި ކޯޗަށް ދޭން ޖެހޭ 2،15000 ޑޮލަރު މިދިޔަ ހަފުތާގައި އަދާކޮށްފައިވުމުން ފީފާއިން ވަނީ މިހަފުތާގައި ޓްރާންސްފާ ބޭން އުވާލާފައެވެ.

ނިއު އިން މަސައްކަތް ކުރަމުން އަންނަނީ އަންނަ ހަފްތާގައި ފަށާ ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިއު ފޭން

    އަލްޙަމްދުﷲ.... ފުޓުބޯޅައިގެ ގަދަބާރު އެނބުރި އައުމަށް ތައްޔާރު.... އިންޝާﷲ

    5
    1
  2. އަހުމަދު

    އަވަހަށް އާދޭ މަގޭ ލޯބި ނިއު. މި ދުވަހުގެ އިންތިޒާރުގަ އުޅޭތާ ވަރަށް ދުވަސް ވެއްޖެ. އަވަހަށް އާދޭ ދޫނި.

  3. ޕީޕީއެމް

    ސުކުރި އްޔާ ރަ އީސް ޔާމީން

  4. ނިއު ހޯޕް

    މުސާރަ ނުދީގެން ސަސްޕެންޑް ކުރީ ފުރަތަމަ ޑިވިޜަނުގަ އޮތްވާ. ޖެހުނު މައްސަލަ ހައްލު ކުރުމުން ކީއްވެ ފުރަތަމަ ޑިވިޜަނުގަ ޖާގަ ނުދޭންވީ. ރެލިގޭޓް ކުރުމަކީ ސަސްޕެންޝަނާއެކު ދެ އަދަބު ދިނުން. އިންސާފު ވެރިވޭ. ފީފާއެއްކަމަކު މިހެން ނުހެދޭނެ އެފްއޭއެމަކަސް