މ. މުލީގެ ޖަމިއްޔާއެއް ކަމަށްވާ ގެލެކްސީ ސްޕޯޓްސް ކްލަބް އިން މ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އެސްޑެލާ ފުޓްސަލް ޗެލެންޖް 2022" ގައި ގިނަ އަދަދެއްގެ ޓީމުތަކުން ބައިވެރި ވެއްޖެ އެވެ.

މި މަހުގެ 21 އިން 30 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވި އިރު 11 ޓީމަކުން ބައިވެރިވި އެެވެ.

އެ ޓީމުތަކުގެ ތެރޭގައި

  • އޭރިއާ ބޯއިސް އެފްސީ
  • ފޮބިޑަން ސިޓީ އެސްސީ
  • މިސްޔޫ ސްޕޯޓްސް ކްލަބް
  • ދިއްގަރު އަންޑާ 19
  • އެށަކަލޯ އެފްސީ
  • ބޮލި ބްލޫސް
  • އެކުވެރި ފުޓްސަލް ޓީމް
  • ފްރެންޑްސް ފުޓްސަލް ކްލަބް
  • ކްލަބް ދި އަމީގޯސް
  • ޑަބްލިއު ފައިވް ސްޕޯޓްސް ކްލަބް
  • ޓީމް ކޮޅުފުށި

ގެލެކްސީ ސްޕޯޓްސް ކްލަބްގެ ބޭފުޅުކު ވިދާޅުވީ މުބާރާތުގެ ގުރުއަތުލުން މާދަމާ ރޭ ނުވައެއް ޖަހާއިރު އޮންނާނެ ކަމަށެވެ.

މިދިޔަ އަހަރު މި މުބާރާތް ކޮވިޑުގެ ހާލަތާ ގުޅިގެން ނުބޭއްވުނުއިރު، މިފަހަރު ބާއްވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ރަނަރަޕްއަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުގެ ތިން ކުޅުންތެރިން ހިމެނުމަށް ފުރުސަތު ލިބެ އެވެ.

ގެލެކްސީ ސްޕޯޓްސް ކްލަބަކީ މ.މުލީގައި 2012 ވަނަ އަހަރު އުފެދުނު ކްލަބެކެވެ. ރަސްމީ ކްލަބެއްގެ ގޮތުގައި 2019 ވަނަ އަހަރު ރަޖިސްޓްރީވި މި ކްލަބަކީ އެ ރަށުގެ އެންމެ ޒުވާން އެއް ކުލަބެވެ.