މި ސީޒަނުގައި ޕީއެސްޖީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ބާސެލޯނާއާ ގުޅުމަށް އަބަދުވެސް ހުންނާނީ ދޮރު ހުޅުވިފައި ކަމަށް ބާސާގެ ނައިބު ރައީސް އެޑުއާޑް ރޮމެއޫ ބުނެފިއެވެ.

މެސީ، 34، މުޅިން ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ސޮއިކުރުން ވެގެން ގޮސްފައިވަނީ މިފަހުގެ ތާރީހުގެ އެންމެ ގިނަބަޔަަކަށް ސިހުން ގެނުވި ޓްރާންސްފާއަށެވެ. ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވި ނަމަވެސް، ބާސާއިން ވަނީ މެސީގެ އެއްބަސްވުން އާކުރަން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް، ސްޕެނިޝް ލީގުން އެކަމަށް ހުރަސްއަޅައި، ބާސެލޯނާއިން ލީގުގެ ގަވާއިދު މުގުރާ ނުލެވޭނެ ކަމަށް ބުނުމުން އެންމެ ފަހުން އެކުލަބުން ޖެހުނީ ކުލަބުގެ ތާރީހުގައިވެސް އެންމެ މުހިއްމު ކުޅުންތެރިޔާ ހިލޭ ދޫކޮށްލާށެވެ.

ބޭރުގެ މީޑިއާއަކަށް ރޮމެއޫ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކުލަބުން މެސީ ގެންނަން ބޭނުންވެއްޖެނަމަ މާލީ ހާލަތު ތަންދޭތޯ ބަލާނެ ކަމަށާއި މެސީއަށް އަބަދުވެސް ބާސާއާ ގުޅުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.

"ކުލަބުން މެސީ ގެންނަން ބޭނުންވަންޏާ އަހަރެމެން ޖެހޭނީ މާލީ ހާލަތު ތަންދޭތޯ ބަލަން. މެސީ އަށް ބާސާގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި. އަހަރެމެނަށް އިނގޭ ހަދަންވާ ގޮތް ގޮތް ވެސް،" ރޮމެއޫ ބުންޏެވެ.

މިހާރު މުޅި މީސް މީޑިއާގައި އެންމެ ގިނައިން ދެކެވޭ ވާހަކައަކީ މެސީ ބާސެލޯނާއާ އަންނަ އަހަރުގެ ޖުލައި މަހު ގުޅޭނެ ވާހަކައެވެ. އެހެންނަމަވެސް އަދި މިކަން ވަނީ ކަށަވަރު ނުވެފައެވެ.

ހަމައެހެންމެ، އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓަށް ވާއިރަށް ޕީއެސްޖީއާއެކު މެސީ ހަދައިފައިވާ އެެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. އޭގެ ފަހުން ބާސާއަށް މެސީ ގެންދިޔުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ޓީމުން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފުޓުބޯޅައިގެ ދުނިޔޭގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި ޕީއެސްޖީއާއެކު މެސީ ހަދައިފައިވާ އެއްބަސްވުން ހަމަވުމުގެ ކުރިން މެސީ ގޮތެއް ނިންމާނެއެވެ. ބާސެލޯނާއިން މެސީ ގެންދިޔުމަށް ޓީމުގެ ތެެރޭގައި މަޝްވަރާތައް ފަށައިފައިވާކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ބާސާ ދޫކޮށްލިއިރު މެސީއަކީ އެކުލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއާއެވެ. 778 މެޗުން 672 ގޯލު ޖަހައި މެސީ ވަނީ ބާސާގެ ސަޕޯޓަރުންގެ ހިތްތަކުގައި ހާއްސަ މަގާމެއް ހޯދާފައެވެ.

ބޯޅައިގެ ތަފާތު ހުނަރެއް ލިބިގެންވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައެވެ. ބަސާގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.