މި މަހު 20 ގައި ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ސްޕެއިންގެ ގައުމީ ޓީމަށް ނެގި ސްކޮޑުގައި މެންޗެސްޓަރ ޔުނައިޓެޑްގެ އެއް ނަންބަރު ކީޕަރު ޑޭވިޑް ޑެހެއާ އާއި ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކާންޓްރާ އަދި ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަކަށް ޖާގައެއް ނެތެވެ.

މުބާރާތަށް ސްޕޭނުން އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރީ ހުކުރު ދުވަހުއެވެ. ސްޕޭންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޓީމުން ބާކީކުރި ކުޅުންތެރިންނަށް ފުރުސަތު ނުދޭން ނިންމީ އުމުރުން ދުވަސްވީ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި އައު ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. ޑެހެއާއަށް ފުރުސަތު ނުދިނީ އެހެން ކީޕަރުން ޓެސްޓު ކުރުމަށް ކަމަށްވެސް އެންރީކޭ ބުންޏެވެ.

ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްކޮޑުން ވެސް ރާމޯސް، 36، އަށް ފުރުސަތެއް ނުދެ އެވެ.

އެންރީކޭ ބުނީ ޓީމު އެކުލަވާލުމުގައި ވަކި ކުލަބެއްގެ ކުޅުންތެރިޔަކަށް އޭނާ ނުބަލާނެ ކަމަށެވެ. އަދި ކޮންމެ ކުލަބަކުން ކުޅުންތެރިން ނެގެނީ ކިހާ އަދަދެއްކަމަށް ނުބަލާކަމަށާއި، ކުޅުންތެރިންގެ އުމުރަށްވެސް ނުބަލާކަމަށެވެ. އެންމެ މުހިންމީ ކުޅުންތެރިޔާއަށް ޓީމުގެ ސްކޮޑުގައި ހިމެނި، ޓީމަށް ކޮށްދެވޭނީ ކިހާވަރެއްތޯ ބެލުން ކަމަށެވެ.

އެންރީކޭ ވަނީ ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ބުސްކެޓަކީ ސްޕެއިންގެ ސިސްޓަމަށް ކުޅެން އެނގޭ މޮޅު ކުޅުންތެރިއެއްކަމަށެވެ. އެ ސިސްޓަމަށް ކުޅެން ބުސްކެޓަށްވުރެ ރަނގަޅު ކުޅުންތެރިޔަކު ނުފެންނާނެކަން ފާހަގަކޮށް އޭނާ ބުނީ، މި ވޯލްޑް ކަޕަށްފަހު އިތުރު އެއް ވޯލްޑް ކަޕް ބުސްކެޓަށް ކުޅެވޭނެ ކަމަށެވެ.

ސްޕެއިން ޓީމުގެ ފައިނަލް ސްކޮޑް:

ގޯލްކީޕަރުން: އުނާއި ސިމޯން ، ޑޭވިޑް ރާޔާ ، ރޮބަޓް ސަންޗޭޒް

ޑިފެންޑަރުން: ހޯސޭ ގާޔާ، ޖޯޑީ އަލްބާ، އެރިކް ގާސިއާ، އައިމެރިކް ލަޕޯޓް، ޕައު ޓޮރޭޒް، ހޫގޯ ގިލަމޯން، ސެޒާ އަޒްޕްލިއަސެޓާ، ޑެނީ ކާވަހާލް

މިޑްފީލްޑަރުން: ރޮޑްރީ (މެންޗެސްޓާ ސިޓީ)، ސާޖީ ބުސްކެޓްސް (ބާސެލޯނާ)، ކޯކޭ (އެތުލެޓިކޯ މެޑްރިޑް)، މާކޯ ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް)، ގަވީ (ބާސެލޯނާ)، ޕެޑްރީ (ބާސެލޯނާ)، ކާލޯސް ސޮލެއާ (ޕީއެސްޖީ)

އެޓޭކަރުން: ޑެނީ އޮލްމޯ (އާރްބީ ލައިޕްޒިގު)، ޕަބްލޯ ސަރާބިއާ (ޕީއެސްޖީ)، އަލްވާރޯ މޮރާޓާ (އެތުލެޓިކޯ މެޑްރިޑް)، އަންސޫ ފާޓީ (ބާސެލޯނާ)، ފެރާން ޓޮރޭޒް (ބާސެލޯނާ)، މާކޯ އަސެންސިއޯ (ރެއާލް މެޑްރިޑް)، ނިކޯ ވިލިއަމްސް (އެތުލެޓިކް ބިލްބާއޯ)، ޔެރެމީ ޕީނޯ (ވިޔަރެއާލް)

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑޭ އަހައްމަދު

    ސްޕޭންގެ ކޯޗް މިފަހަރު ޖެހޭނީ ޓީމް ގޮވައިގެން ފަރަށް ދާށެވެ. ކްއާޓަރ އާ ހަމަޔަށްވެސް ކަލޯމެނަށް ނުދެވޭނެ!