އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާ ގޯލްކީޕަރު ސާޖިއޯ ރޮމެރޯ ދުއްވަމުންދިޔަ ކާރު އެކްސިޑެންޓު ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ޔުނައިޓެޑުގެ ޓްރެއިނިންގް ގްރައުންޑް ކައިރިންނެވެ. މި ހާދިސާގައި ރޮމެރޯ އަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިނުވި ނަމަވެސް އޭނާ ދުއްވި 170،000 ޕައުންޑުގެ އަގުބޮޑު ލަމްބޯގިނީ ކާރަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. އެކްސިޑެންޓުގެ ފޮޓޯތަކެއް މިހާރު އިނގިރޭސި މީޑިއާތަކުގައި ދަނީ ދައުރު ވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮމެރޯ މި ލަމްބޯގިނީ ކާރު ގަތީ 2017 ވަނަ އަހަރުގެ ލީގް ކަޕް ފައިނަލް މެޗަށްފަހު އެވެ. ވެމްބްލީގައި ކުޅުނު ފައިނަލް މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ސައުތޭމްޓަންގެ މައްޗަށް ކުރިހޯދައިގެންނެވެ.

އުމުރުން މިހާރު 32 އަހަރުގެ ރޮމެރޯ ޔުނައިޓެޑާ ގުޅުނީ 2015 ވަނަ އަހަރުގަ އެވެ. އޭނާ ވަނީ އޭގެ ކުރިން ފްރާންސްގެ މޮނާކޯ އާއި އިޓަލީގެ ސަމްޑޯރިއާ އަށް ވެސް ކުޅެފަ އެވެ. މޮނާކޯ އަށް އޭނާ ކުޅުނީ ލޯނު އެއްބަސްވުމުގެ ދަށުންނެވެ. ޔުނައިޓެޑުގެ ދެ ވަނަ ކީޕަރެއްގެ ގޮތުގައި މިދިޔަ ހަތަރު ކުޅެ ރޮމެރޯ ވަނީ އެ ކްލަބާއެކު އިނގިރޭސި ލީގް ކަޕްގެ އިތުރުން އެފްއޭ ކަޕާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. ރޮމެރޯ ވަނީ އާޖެންޓީނާ އިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގެ އިތުރުން 2015 އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިރު އެ މުބާރާތްތަކުގައި އެ ޓީމުގެ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.